ކެރަމްގައި ކުޅެވޭ އެންމެ ޝަަރަފްވެރި އަދި އެންމެ ބޮޑު މުބާރާތްކަމުގައިވާ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕަށް ޤައުމީ ފިރިހެން އަދި އަންހެން ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ކެރަމް އެސޯސިއޭޝަނުން ފައްޓައިފި އެވެ.

ދެހާސް އަށް ވަނަ އަހަރު ފުރާންސްގައި އޮތް ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމު ކަމުގައިވާ ޝްރީލަންކާގައި މިއަހަރު އޮކްޓޯބަރު 31 އިން އަންނަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަށް ހަތަރު ފިރިހެން އަދި ހަތަރު އަންހެން ކުޅުންތެރިންގެ ޓީމެއް ފޮނުވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެ އެވެ.

ކެރަމްގެ ޤައުމީ ޓީމަށް ކުޅުންތެރިން ހޮވުމަށްޓަކައި ކުޅޭވޭ އެންމެހައި ސިލެކްޝަންތަކެއްގައި ވާދަކުރުމަށް ފުރުޞަތު ދެވެނީ ކެރަމް އެސޯސިއޭޝަން އިން ރާވާ ހިންގާ ރަސްމީ ތިން މުބާރާތް ކަމުގައި ޤައުމީ މުބާރާތާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި އަދި ރަމަޟާން ކަޕްގެ ތެރެއިން އެންމެ ފަހުން ބޭއްވުނު ދެ މުބާރާތުގައި ބައިވެރިވެފައިވާ އެންމެހައި ކުޅުންތެރިންނަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ ސިލްކްޝަންގައި ވާދަކުރުމަށް ފުރުޞަތު ދެވިފައި ވަނީ އެންމެ ފަހުން ބޭއްވުނު އެސޯސިއޭޝަން ޗެމްޕިއަންޝިޕާއި އަދި ރަމަޞާން ކަޕުގައި ބައިވެރިވި އެންމެހައި ކުޅުންތެރިންނަށެވެ. މި ދެ މުބާރާތުގެ ބައިވެރިން ތިން ކެޓަގަރީއަކަށް ބާހާލުމަށް ފަހު ތިންވަނަ ކެޓަގަރީގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކަނޑައެޅިފައިވާ އަދަދެއްގެ ކުޅުންތެރިން ދެވަނަ ކެޓަގަރީއަށް ކޮލިފައިވުމަށް މެޗުތަކެއް ކުޅެވޭނެ އެވެ. އެއަށް ފަހު ދެވަނަ ކެޓަގަރީން އެއްވަނަ ކެޓަގަރީއަށް ކޮލިފައިމެޗުތަކެއް ކުޅެވޭނެ އެވެ. މިގޮތުން ޤައުމީ ޓީމަށް ކުޅުންތެރިން ހޮވަނީ އެއްވަނަ ކެޓަގަރީގައި ރޭންކުކުރެވިފައިވާ ކުޅުންތެރިންނާއި އަދި އެއް ވަނަ ކެޓަގަރީއަށް ކޮލިފައިވި ކުޅުންތެރިންނާއި އެއްކޮށް ކުޅެވޭ ފައިނަލް ސިލްކެޝަން މެޗުތަކަކުންނެވެ.

މިމުބާރާތަށް ޓީމުތައް ނެގުމަށްޓަކައި އެއްވަނަ ކެޓަގަރީގެ ތިން ސިލެކްޝަން މުބާރާތެއް ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. ތިން ސިލެކްޝަން މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދާ ކުޅުންތެރިނަށް ޓީމަށް އެރުމުގެ ފުރުޞަތު ލިބޭއިރު ހަތަރުވަނަ ކުޅުންތެރިއެއްގެ ގޮތުގައި ޖޫނިއާ ކުޅުންތެރިއަކަށް ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ޖޫނިއާ ކުޅުންތެރިއަކަށް ޤައުމީ ޓީމަށް އެ ރުމުގެ ފުރުޞަތު މުޅިން އަލަށް ހުޅުވާލެވިފައި މިވަނީ މުސްތަޤްބަލްގައި ޤައުމު ތަމްސީލުކުރަން ތިބި ޖޫނިއާ ކުޅުންތެރިނަށް އިތުރު ތަމްރީނާއި ހުނަރު ދިނުމަށް އެސޯސިއޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. ޤައުމީ ޓީމުގެ ފައިނަލް ސިލެކްޝަންތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 އިން 25 އަށެވެ.

މިއަހަރުގެ ވޯލް ކެރަމް ޗެމްޕިއަންޝިޕަގައި ވާދަކުރާނެ ކަމަށް ބެލެވިފައި ވަނީ ދިވެހިރާއްޖެ، އިންޑިއާ، ޝްރީލަންކާ، ޖަރުމަން، އިޓަލީ، ފްރާންސް، ސްޕެއިން، އިންގްލެންޑް، ޔޫ.އެސް.އޭ، ކެނެޑާ، ޕޮލެންޑް، ސުވިޓްޒަލެންޑް، ޕޯރޗުގަލް، އޮސްޓްރޭލިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ޖަޕާން، ކޮރެއާ، މެލޭޝިއާ، އޮމާން، ޔޫ.އޭ.އީ އެވެ. ދުނިޔޭގެ ރޭންކުގައި މިވަގުތު ރާއްޖެގެ ފިރިހެން ޓީމު އޮތީ ހަތަރު ވަނާގަ އެވެ. އަދި އަންހެން ޓީމު އޮތީ ތިން ވަނައިގަ އެވެ.