12 Sep 2012, 12:14
ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންސް އެނުއަލް އެވޯޑްސްގެ ޔޫރަޕްގެ އެންމެ މޮޅު ކްލަބްގެ އެވޯޑް ޗެލްސީއަށް ލިބިއްޖެ އެވެ.
ޗެލްސީއަށް މިއެވޯޑް ލިބުނީ މިދިޔަ ސީޒަނުގައި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކާ އެމުބާރާތް ކާމިޔާބުކުރުމުންނެވެ. ޗެލްސީއަށް ޗެމްޕިއަންސް ލީގު ލިބުނު ނަމަވެސް މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ޗެލްސީއިން ވަނީ ސްޕެއިންގެ އެންމެ ވަރުގަދަ ދެކުލަބުކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް ބަލިކޮށްފަ އެވެ. އޭގެ އިތުރުން ފައިނަލުގައި އެކުލަބުން ވަނީ ޖަރުމަންގެ ވަރުގަދަ ކުލަބް ބަޔާން މިއުނިކް ވެސް ބަލިކޮށްފަ އެވެ.
ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން 2010 ވަނަ އަހަރު ތަޢާރަފްކުރި މިއެވޯޑަކީ ކްލަބުތަކުން ދައްކާ އާދަޔާ ހިލާފް މޮޅު ކުޅުން ފާހަގަކުރުމަށް ދެވޭ އެވޯޑެއްކަމަށް އެއެސޯސިއޭޝަނުން ހާމަކުރެ އެވެ. އަދި މި އަހަރުގެ އެވޯޑް ޗެލްސީއަށް ލިބުނީ އެކުލަބުން މިދިޔަ ސީޒަނުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށް އެ އެސޯސިއޭޝަނުން ހާމާކޮށްފައިވެ އެވެ.