12 Sep 2012, 12:12
ފުލަމްއިން ހިލޭ ޓްރާންސްފާއެއްގެ ދަށުން ގްރީސް ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ޖިއޯގޮސް ކަރަގޫނިސްގެ ސޮއި ހޯދައިފި އެވެ.
ގްރީސް ގައުމީ ޓީމާއެކު 120 މެޗު ކުޅެފައިވާ ކަރަގޫނިސް، ފުލަމްއާ އެކު ސޮއިކުރީ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ. ފުލަމް އާ ގުޅުމާ އެކު އުފަލުގައި ހުރިކަން ކަރަގޫނިސް ވަނީ ހާމަކޮށްފަ އެވެ.
"ފުލަމްއަށް ސޮއިކުރެވުނީތީ އުފާކުރަން. ކުރިމަތިލާންޖެހުނު އާ ގޮންޖެހުންމާ މެދު މިހިރީ ވަރަށް ހައިރާންވެފައި. އެއީ އިނގިރޭސި ޕްރެމިއަރ ލީގަށް ކުޅުމުގެ ގޮންޖެހުން." ކަރަގޫނިސް ބުންޏެވެ.
އިންޓަރމިލާނާއި ޕަނަތަނިކޮސް އަދި ބެންފީކާ އަށް ކުޅެފައިވާ ކަރަގޫނިސް ފުލަމްއަށް ސޮއިކުރުމުން އުފާކުރާކަމަށް އެކުލަބުގެ ކޯޗު މާޓިން ޖޯލް ބުނެފައިވެ އެވެ.
"ކަރަގޫނިސްއަކީ ކްލަބް އަދި ގައުމީ ފެންވަރުގައި ވެސް ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ މޮޅު ކުޅުންތެރިއެއް. ކަރަގޫނިސްގެ ސަބަބުން މިކްލަބަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރަން. އޭނާ ކްލަބާ ގުޅުމުން އުފާކުރަން." ޖޯލް ބުންޏެވެ.
އުމުރުން 35 އަހަރުގެ މިޑްފީލްޑަރު ކަރަގޫނިސްއަކީ ގްރީސް ގައުމީ ފުޓްބޯޅަ ޓީމުން މުޅި ދުނިޔެ ސިއްސުވާލި، އެ ޓީމްގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ދެ ހާސް ހަތަރު ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގްރީސް އިން ހޯދި އިރު، ކަރަގޫނިސްއަކީ އެ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ.