ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާގެ އެހީ ދެވޭނެ ޚިދުމަތެއް ދިރާގާއި ވަތަނިއްޔާ އިން ތައާރަފްކޮށްފި އެވެ.


މީޑިއާ އިން އިސްނަގައިގެން ފަށާފައިވާ "ހެލްޕް ޕާކިސްތާން" ކެމްޕެއިންގެ ދަށުން ލޯންޗްކުރި މި ޚިދުމަތް މެދުވެރިކޮށް ހެލްޕް ޕާކިސްތާން ފަންޑަށް ފައިސާ ޖަމާކުރެވޭނީ ވަތަނިއްޔާ އަދި ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެކަނި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.


އެގޮތުން ވަތަނިއްޔާގެ ކަސްޓަމަރުންނަށް ހަތަރު އަދަދަކުން ފައިސާ ޖަމާކުރެވޭނެ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފަސް ރުފިޔާ ޖަމާކުރަން ބޭނުންވާނަމަ، ހުސް އެމްއެސްއެސް އެއް ފޮނުވަން ޖެހޭނީ 4511 ށް ކަމަށާއި ދިހަ ރުފިޔާ ޖަމާކުރަން ބޭނުންވާނަމަ ހުސް އެސްއެމްއެސް އެއް ފޮނުވަން ޖެހޭނީ 4512 ށް ކަމަށާއި އަދި ފަންސާސް ރުފިޔާ ޖަމާކުރަން ބޭނުންވާނަމަ 4513 ށް ހުސް އެސްއެމްއެސް އެއް ފޮނުވަން ޖެހޭއިރު، 100 ރުފިޔާ ޖަމާކުރުމަށް ހުސް އެސްއެމްއެސް އެއް ފޮނުވަން ޖެހޭނީ 4514 ށް ކަމަށް ވަތަނިއްޔާއިން ބުނެ އެވެ.


ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން ފައިސާ ޖަމާކުރަން ބޭނުންވާނަމަ، އެޗް ޕީ ލިޔެލުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށްލާފައި ބޭނުންވާ އަދަދެއް ޖަހައި 355 ށް އެސްއެމްއެސް އެއް ފޮނުވާނީ ކަމަށް ދިރާގުން ބުނ އެވެ. ފައިސާގެ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް ރުފިޔާ އާއި، ވިހި ރުފިޔާ އާއި، ފަންސާސް ރުފިޔާގެ އިތުރުން 100 ރުފިޔާ ކަމަށް ވެސް ދިރާގުން ބުނެ އެވެ.


މީގެ އިތުރުން، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާ ހަދިޔާކުރުމަށްޓަކައި ހަބީބް ބޭންކުގައި ހުޅުވާފައިވާ ޕްރައިމް މިނިސްޓަރޒް ފްލަޑް ރިލީފް ފަންޑަށް ވެސް ފައިސާ ޖަމާކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ފަންޑުގެ އަކައުންޓު ނަންބަރަކީ ދޭ ތިނެއް ހަތަރެއް ތިނެއް ފަހެއް ހައެކެވެ.


ހާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އެކިއެކި މީހުންނާއި، ކުންފުނިތަކުގެ އިތުރުން ގިނަ ޖަމިއްޔާތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މީޑިއާއިން އިސްނަގައިގެން ފެށި "މޯލްޑިވްސް ހެލްޕު ޕާކިސްތާން" ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކެއް ގުޅިގެން އީދު ދުވަހު ހާއްސަ ޓެލެތޯން ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.އީދު ދުވަހު ހުރިހާ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯން ޝޯގެ އިތުރުން ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން އެންޖީއޯތައް ގުޅިގެން އިންތިޒާމްކޮށްގެން އީދު ދުވަހުގެ ހަވީރު ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރަކާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީން ރާވާ މިއުޒިކް ޝޯއެއްގެ އިތުރުން އީދު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ފުޓުބޯޅަ މެޗުތަކެއް ވެސް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.