އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހުގެ 17ގައި ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ބުނެފިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވައި އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ކައުންސިލަރުންގެ ދައުރަކީ ފަސް އަހަރު ކަމަށާއި، މިހާރު ތިއްބަވާ ކައުންސިލަރުންގެ ދައުރު ހަމަވާނީ މެއި 17އަށް ކަމަށެވެ. އެހެންކަމުން އިންތިޚާބީ ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17ވާ އާދިއްތަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މައިގަނޑު ދެ ކަމެއް އެޖެންޑާގައި ހިމަނާފައިވާނެ ކަމަށާއި، ފުރަތަމަ އޮންނާނީ ކައުންސިލަރުން ހުވާކުރުން އަދި ދެވަނައަށް އޮންނާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގުރާރުގައި ސޮއިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތުގެ ވަގުތު ކަނޑައަޅާނީ ފަނޑިޔާރުންނާއި ކައުންސިލްތަކާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 681 ކައުންސިލަރުންނާއި، 681 އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.