12 Sep 2012, 12:07
ނަތީޖާ 2-2 އިން ހަމަހަމަވުމުން ޕެނަލްޓީ ޖަހައިގެން ޗެމްޕިއަން ވީބީ 6-4 އިން ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީއަށް ދިއުމުގައި ކުޅުންތެރިން ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.
ރޭ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭވައިއެލްގެ ކޯޗް އާތީ ބުނީ، ވީބީ އަތުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި މެޗުގައި ވީބީން ދެ ގޯލްގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކުރުމުން ޓީމަށް އިތުރު ހިއްވަރެއް ލިބިގެން ދިޔަ ކަމަށް އާތީ ބުންޏެވެ.
"ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ވެސް ހިތްހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް. އަހަރުމެން މިހާރު ލީގަށް ވުރެ ބޮޑަށް މިވިސްނަނީ އެފްއޭކަޕަށް. ރޭ ބައިކޮޅަށް ފުރަތަމަ ވަން ދެގޯލަކީ ވަރަށް އާދައިގެ ގޮތަކަށް ވަތް ދެގޯލު،" އާތީ ބުންޏެވެ.
އާތީ ބުނީ، ރޭގެ މެޗުގެ ކުރީ ކޮޅު ވެސް ލަނޑު ޖަހައި މެޗުގެ ލީޑް ނަގާނެ ރަނުގެ ފުރުސަތުތަކެއް ޓީމަށް ލުބުނު ކަމަށާއި އެހެން ނަމަވެސް އެ ފުރުޞަތުތަކުގެ ބޭނުން ފޯވާޑުންނަށް ހިފިގެން ގޮސްފައި ނުވާކަމަށެވެ. އަދި މެޗަށް ނުކުތުމުގެ ކުރިން ވެސް ކުޅުންތެރިން ތިބީ ޕެނަލްޓީ އަށް ތައްޔާރުވެގެން ކަމަށް ވެސް އާތީ ބުންޏެވެ.
"މިލިބުނު ނަތީއާ އާކު، މިހާރު ޓީމުތަކުގެ ފެންވަރަށް ބަލާފައި ނިއު ފިޔަވައި އެހެން ހުރިހާ ޓީމުތަކަށް އޮތީ ހަމަހަމަ ފުރުސަތެއް. އެކަން ވީބީގެ މެޗުން ފެނިގެން މިދިޔައީ،" އާތީ ބުންޏެވެ.
ވީބީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ބުނީ، އޭވައިއެލް އަތުން ބަލިވުމަކީ ޓީމަށް ލިބުނު ދެރަނަތީޖާއެއް ކަމަށާއި ހަމައެޔާ އެކު ވީބީގެ މައްޗަށް އޭވައެލް ހޯދި ކާމިޔާބީ އަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. އަދި ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔަ ނަމަވެސް އެފުރުޞަތުތަކުގެ ބޭނުން ކުޅުންތެރިންނަށް އެންމެ އެދެވޭ ގޮތުގައި ހިފިފައި ނުވާ ކަމަށެވެ.
"ޓީމްގެ ކުޅުންތެރިންގެ ކަންކަން ހުންނަ ގޮތުން އަހަރެން މިހިރީ ވަރަށް ހިތްހަމަ ނުޖެހިފައި. ޕްރެކްޓިސްއަށް ކުޅުންތެރިން އަންނަނީއެއް ނޫން. ދެން ކޮން ކުޅުމެއްތޯ ކުޅެވޭނީ، ފިޓްނަސްގެ މައްސަލަ ވެސް ޓީމްގައި ވަރަށް ބޮޑު." ވަންލީ ބުންޏެވެ.
ވަންލީ ބުނީ އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވުނު ހޮލެންޑްގެ މިޑްފީލްޑަރު ސެންގިޒް ހުސެއިން ނެތްތަން ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.
ސެމީ އަށް ދިއުމުން އޭވައިއެލް ކުޅެން ޖެހޭނީ މިރޭ ނިއު އާއި އީގަލްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.