އާސަންދައިން ބޭރަށް ކުރާ ދަތުރުތައް، އަތޮޅުތެރެއިން ވެސް ކުރެވޭ ގޮތް ހަދަން މަޝްވަރާކުރަންޖެހޭ: ނާޒިމް
އާސަންދައިން ބޭރަށް ކުރާ ދަތުރުތައް، އަތޮޅުތެރެއިން ވެސް ކުރެވޭ ގޮތް ހަދަން މަޝްވަރާކުރަންޖެހޭ: ނާޒިމް

އާސަންދަ ނިޒާމުން ޚަރަދުކޮށްގެން ބޭރަށް ކުރާ ދަތުރުތައް، އަތޮޅުތެރޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ވެސް ކުރެވޭނެ ގޮތް ހެދުމަށް މަޝްވަރާކުރަން ޖެހޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރަށް، ހަތަރު އިންޓަނޭޝަނަލް އެއާޕޯޓެއް އޮވެއެވެ. އެއީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާ އިންޓަނޭޝަނަލް އެއާޕޯޓެވެ.

އޭގެ ތެރެއިން ގަމުން ސްރީލަންކާއަށް ދަތުރުތައް ބާއްވާއިރު، ހަނިމާދޫން އިންޑިއާގެ ކެރަލާއަށް ދަތުރުތައް ކުރެއެވެ.

ހެލްތު މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ، އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް އަތޮޅުތެރޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ނުކުރެވެނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

އައްޑޫ ގަމު އެއާޕޯޓުގައި ސްރީ ލަންކަންގެ ބޯޓެއް: އާސަންދައިން ބޭރަށް ކުރާ ދަތުރުތައް، އަތޮޅުތެރެއިން ވެސް ކުރެވޭ ގޮތް ހަދަން މަޝްވަރާކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވި -- ފޮޓޯ/ ޕީއެސްއެމް

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އާސަންދަ މެދުވެރިކޮށް ކުރާ ދަތުރުތައް އަތޮޅުތަކުގެ އިންޓަނޭޝަނަލް އެއާޕޯޓުތަކުން ނުކުރެވޭ މައްސަލައަކީ ހެލްތު މިނިސްޓަރަކަށް އެކަނި ޖަވާބުދެވޭނެ ސުވާލެއް ނޫންކަމަށެވެ.

ނަމަވެސް އެއީ ވަރަށް ރަނގަޅު ޚިޔާލެއް ކަމަށާއި އެއީ ސިޔާސަތު ކަނޑައަޅާ ލެވެލްގައި މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓާއި ހެލްތާއި އާސަންދައާއި ސޯޝަލް މިނިސްޓްރީއާ މި ހުރިހާ ފަރާތްތައް ގުޅިގެން މިއީ ނުވާވަރުގެ ކަމެއްނޫން ދެއްތޯ. ޑިސްކަސްކުރަން ހަމަ ރަނގަޅު ޓޮޕިކެއް.ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް މިހާރު ފުރަނީ ހަމައެކަނި ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުންނެވެ.

އެހެންކަމުން އަތޮޅުތެރެއިން ފަރުވާއަށް ފުރަން ޖެހޭ މީހުން ޖެހެނީ، ބޮޑު ޚަރަދުކޮށްފައި މާލެ އައިސް، ބޭރަށް ފުރާށެވެ.

އާސަންދައިން ދޭ އެހީގެ ދަށުން ދިވެހީންނަށް އިންޑިއާއާއި ލަންކާގެ ހޮސްޕިޓަލްތަކުން ސިއްހީ ފަރުވާ ހޯދެއެވެ. އޭގެ ސަބަބުން، ރާއްޖޭން ނުލިބޭ އެތައް ފަރުވާއެއް ދިވެހީންނަށް ހޯދޭ ނަމަވެސް، އެ ނިޒާމު މިހާރު އޮތް ގޮތުން، ދައުލަތުން ބުރަ ބޮޑުވެފައިވާ ކަމަށް މާލީ އިދާރާތަކުންނާއި އޮޑިޓުތަކުން ވެސް ބުނެއެވެ. އެހެންކަމުން، އާސަންދަ ނިޒާމު އިސްލާހު ކުރުމަށް އެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ބާރު އަޅައިފައެވެ.