އއ. އަތޮޅު ރަސްދޫގައި ޖުވާ ކުޅެން ތިބި ބިދޭސީންތަކެއް ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު ޖުވާ ކުޅެމުން ދަނިކޮށް ހައްޔަރު ކުރި ފަސް މީހުންނަކީ ބަންގްލަދޭޝްގެ މީހުން ކަމަށައި އެ މީހުން ހައްޔަރު ކުރި އިރު ދިރިއުޅެމުންދިޔަ ގޭގެ ތެރެއިން 7،500 އަށް ވުރެ ގިނަ ރުފިޔާއާއި 290 ޑޮލަރު ފެނުނުނު ކަމަށެވެ.

ރަސްދޫ ކައުންސިލުން ބުނީ އެ ރަށު ޑެސްޓިނީގެއިން ހައްޔަރު ކުރި ފަސް މީހުންނަކީ ވެސް އެރަށުގައި ކޮންސްޓަރަކްޝަން މަސައްކަތް ކުރާ ބައެއް ކަމަށެވެ.

ނަމަވެސް އެ އެންމެން ދިރިއުޅެމުން ދަނީ އެގޭގައި އެކަނި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
މިއަހަރުގެ ޖޫން މަހުތެރޭ ވަނީ މާލޭން ވެސް ޖުވާ ކުޅެން ތިބި 12 މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފަ އެވެ.

މީގެ ކުރިން ވެސް ވަނީ ބައެއް ރެސްޓޯރަންޓް ތަކާއި ކެފޭ ތަކުގައި ޖުވާ ކުޅުނު މައްސަލަތަކެއް ފެންމަތިވެފަ އެވެ.