12 Sep 2012, 10:49
ކުޑަކުދިންނަށާއި ޒުވާނުންނަށް ކުރާ އަނިޔާއާ ބެހޭ މައުލޫމާތު މުޖުތަމައަށް އޮޅުންފިލާވާފައިވާ މިންވަރު ދެނެގަތުމަށް ހަދާ ސާވޭއެއްގެ މަސައްކަތް ގދ. ތިނަދޫގަ އާއި ފުވައްމުލަކުގައި ފަށައިފި އެވެ. މިސާވޭ ކުރަނީ ދިވެހި ރެޑްކްރެސެންޓާއި ކެނޭޑިއަން ރެޑްކްރޮސް އާއި ގުޅިގެނެވެ.
ވަޔަލެންސް ޕްރިވެންޝަން ޕްރޮޖެކްޓަކީ ރާއްޖޭގައި ކުޑަކުދިންނާއި ޒުވާނުންނަށް ކުރާ އަނިޔާތަކުގެ ރިޕޯޓްތައް އިތުރުވަމުން ދިއުމުގެ ސަބަބުން އެކަމާމެދު އާންމުން ހޭލުންތެރި ކުރުވަން ހިންގާ ތިން އަހަރު ދުވަހުގެ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގައި ހިމެނޭ ސާވޭގައި ކުޑަކުދިންނަށާއި ޒުވާނުންނަށް ކުރާ އަނިޔާއާ ބެހޭ ގޮތުން މުޖުތަމައުތަކުގައި މައުލޫމާތު ހުރި މިންވަރު ދެނެގަނެ، އެކަންކަމާމެދު އެ މުޖުތަމައުތަކުން ދެކޭ ގޮތާއި ގެންގުޅޭ ސަގާފަތް ބަލާނެ އެވެ.
ދިވެހި ރެޑްކްރެސެންޓުން ބުނީ މުޖުތަމައުތަކަށާއި މުހިންމު މުއައްސަސާތަކަށް އަމާޒުކޮށްފައިވާ ސާވޭގައި ކުޑަކުދިންނަށާއި ޒުވާނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މީހުން ހޭލުންތެރި ކުރުވައި އަނިޔާއާ ދެކޮޅު ސަގާފަތެއް ބިނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިހާރު ކުރިޔަށްދާ ސާވޭގެ ރިޕޯޓް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރަން ހަމަޖައްސާފައި ވަނީ މިމަހުގެ 30 ގަ އެވެ.