12 Sep 2012, 10:32
ފެބްރުއަރީ ހަތަކަށް ފަހު ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
އިސްތިއުފާ އިއުލާން ކުރައްވަމުން އޭނާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާ އެ މަގާމުން އިސްތިއުފާދެއްވީ "ސަރުކާރުގައި ނުހިމެނޭ ޕާޓީ [އެމްޑީޕީ] މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާތީ އާއި ޕާޓާތަކުގެ މެދުގައި ވާހަކަ ދައްކަން ބޭނުންވާނަމަ ރައްޔިތުން މަޖިލީހުގެ ތެރެއިން ވާހަކަ ދެއްކިދާނެ ކަމަށް ދެކިވަޑައިގެން،" ކަމަށެވެ.
މަޝްވަރާތަކުގެ ވިލަރެސްވެރިޔާ ކަމަށް މުޖުތަބާ ހަމަޖައްސަވާފައި ވަނީ ފެބްރުއަރީ 18، 2012 އިގަ އެވެ.
މުޖުތަބާ އިސްތިއުފާދެއްވާފައި މިވަނީ މިއަދު ހަވީރު 4:00 -6:00 އަށް ލީޑާޒް ޑައިލޮގްގެ ދެ ވަނަ ބައްދަލުވުން ބޭއްވުމަށް ޕާޓީތަކަށް ނޯޓިސް ވެސް ފޮނުވާފައި ވަނި ކޮށެވެ. އެ ބައްދަލުވުމުގައި އެމްޑީޕީ ބައިވެރިވެ ނުވާނެކަން ރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަކުން ވަނީ ނިންމައިފަ އެވެ. އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.
އެ ބަޔާނުގައި މުޖުތަބާ އިތުރަށް ވިދާޅުވެފައިވަނީ އޭނާ އުންމީދު ކުރައްވަނީ އެންމެހައި ސިޔާސީ ފަރާތްތަކުންވެސް ގައުމުގެ އިސްކުރައްވައިގެން ސިޔާސީ ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޯލްޕާޓީ ޓޯކްސްގެ ނަމުގައި ޕާޓީތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު ސަރުކާރުގެ އިސްނެގުމުގެ މަތިންނެވެ. އަދި އެ ވާހަކަކުގެ ނަން "ލީޑާޒް ޑައިލޮގަ"ށް ބަދަލުކޮށް ހަމައެކަނި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާތައް ފެށީ ކޯނީގެ ރިޕޯޓަށް ފަހު މި މަހުގެ ކުރީކޮޅުގަ އެވެ.
ލީޑާޒް ޑައިލޮގްގެ ފުރަތަމަ ބައްދަލުވުން އޮތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެ ވަޑައިގަތް އެ ޕާޓީގެ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވަނީ އެ ޕާޓީ ސަރުކާރުގައި ބައިވެރިވުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުން ސަރުކާރުން ގަބޫލު ކޮށްފައެއްނުވެ އެވެ.