އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާ ފީ، 20 ކޯޓާ، ނުވަތަ އެއަށްވުރެ މަދު ނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ސަރުކާރުން މި މަހުގެ ފުރަތަމަ ދުވަހު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން 20، ނުވަތަ އެއަށްވުރެ މަދުން ބިދޭސީން ގެންނަ ނަމަ، ކޮންމެ ބިދޭސީއަކަށް އަހަރަކު ދައްކަންޖެހޭ 2،000 ރުފިޔާގެ ކޯޓާ ދައްކަން ނުޖެހޭނެއެވެ.

އެކަމަކު އެންމެ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި އޮންނަ 20 ކޯޓާއަށްވުރެ އިތުރުވާ ކޮންމެ ކޯޓާއަކަށް އިތުރަށް ފީ ދައްކަން ޖެހޭނެ ކަމަށް، އުސޫލުގައިވެއެވެ.

މި އުސޫލުގައިވަނީ، ކޯޓާ ފީ ބަހާލައިގެން ދައްކަން ބޭނުންވާ ވިޔަފާރިތަކަށް، އެކްސްޕެޓް ސިސްޓަމް ސިސްޓަމް މެދުވެރިކޮށް ފީ ދެއްކުމަށް ފުރުސަތު ދިނުމުގެ އިޚްތިޔާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ، ކުދި ވިޔަފާރިތަކަށް މި ލުއި ދޭން ނިންމީ، މިދިޔަ ޑިސެންބަރު މަހުގެ 17ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

މި ބަދަލާއެކު ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ކުދި ވިޔަފާރިތަކާއި، ކުދި ފަންތީގެ ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.