ދަނޑުވެރިކަމާއި ޖަނަވާރާ ބެހޭ ކަންކަން ބެލުމަށް ޚާއްސަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބިކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދައި، "ސަން"އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ވުޒާރާގައި ޖުމްލަ 53 ސިޔާސީ މަގާމަށް މީހުން އައްޔަންކޮށްފައި އެބަވެއެވެ.

އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެ މަގާމުތައް ބެހިފައިވާ ގޮތަކީ:

  • ވަޒީރު - 1

  • ސްޓޭޓް މިނިސްޓަރު - 3
  • ޑެޕިއުޓީ މިނިސްޓަރު - 6
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު - 29
  • ޕޮލިޓިކަލް ޑިރެކްޓަރުން - 14

މިހާ ގިނަ އަދަދެއްގެ މުވައްޒަފުން އެ ވުޒާރާގައި ސިޔާސީ މަގާމުތަކަށް ނަގާފައިވާއިރު، އެ މީހުންނާ ހަވާލުކޮށްގެން ކުރާ މަސައްކަތުގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މި 53 ސިޔާސީ މަގާމުގެ މަހު މުސާރައަށް، މަހަކު ޖުމްލަ 1.3 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ހިސާބުތަކަށް ބަލާއިރު މި އަހަރު އެ މިނިސްޓްރީއަށް 81.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު، މިދިޔަ މަހުގެ 26ވަނަ ދުވަހާ ހަމައަށް 12.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.