ވޮޝިންޓަން (ސެޕްޓެމްބަރ 12): އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ނިންމައިފި ނަމަ އެކަން ހުއްޓުވުމަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާ ޢަމަލީ ގޮތުން ޙަރަކާތްތެރިވާނެ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލިޔޮން ޕެނެޓާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސީބީއެސް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޕެނެޓާ ވިދާޅުވީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ނިންމިކަން އެމެރިކާ އަށް އެނގިފައިނުވާ ކަމަށާ ނަމަވެސް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ވިސްނުން އީރާނުން ގެންގުޅޭ ކަމުގައެވެ. ޕެނެޓާ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ ޓެކްނޮލޮޖީއާބެހޭ މަޢްލޫމާތު ހޯދުމުގައި އެމެރިކާ ބޮޑެތި މަސައްކަތްތަކެއް ކުރާކަމަށާއި މިމަސައްކަތުގެ ސަބަބުން އެމެރިކާ ބޭނުންވާ އެތަށް މަޢްލޫމާތެއް ލިބިފައިވާ ކަމުގަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް ނިންމައިފިނަމަ އެކަން އެމެރިކާއަށް އެނގޭނެ ކަމަށް ޕެނެޓާ ވިދާޅުވިއެވެ. ޕެނެޓާ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރު އީރާނަށް ލިބުން މަނާކުރުމުގެ ޤާބިލްކަން އެމެރިކާގެ ކިބާގައި އެބަހުރިކަމަށާއި އެމެރިކާގެ ބާރާއި އާރާމެދު އީރާން އެތަށްފަހަރަކު ވިސްނަންޖެހޭނެ ކަމުގަ އެވެ.

ޕެނެޓާ މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އިސްރާއީލުން ތަކުރާރުކޮށް ދެމުން ގެންދާވަގުތެއްގައެވެ. އެހެންކަމުން ޕެނެޓާގެ މިބަޔާނަކީ އިސްރާއީލު ރުއްސުމުގެ ބަޔާނެއްކަމަށް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)