ޑީއާރުޕީގެ ބ. ތުޅާދޫ ގޮފީގެ ރައީސް މުހައްމަދު އަސްރާރަށް ނޭނގި އޭނާ އެމްޑީޕީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ، ޑީއާރުޕީން އެ މައްސަލަ މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.


މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފަހު، ޑީއާރުޕީގެ ވަކީލު މުހައްމަދު ވަހީދާއެކު ފުލުސް އޮފީހުގެ ބޭރުގައި، ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އަސްރާރު ވިދާޅުވީ އޭނާގެ ނަން އެމްޑީޕީގައި ޖެއްސިކަން އެނގުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން ނިންމާފައި، އިލެކްޝަން ކޮމިޝަނުން ގުޅައިގެން ނަން އޮތީ ކޮން ޕާޓީއެއްގައިތޯ ބެލުމުން ކަމަށެވެ. އޭނާ އެމްޑީޕީއަށް ބަދަލުކޮށްފައިވާ ފޯމު އިލެކްޝަން ކޮމިޝަނުން ހޯދައިފައިވާ ކަމަށާއި، އެ ފޯމުގައި ވަނީ އޭނާގެ ސޮއި ނޫން ކަމަށް ވެސް އަސްރާރު ވިދާޅުވި. އަދި އެ ފޯމާއެކު ހުށަހަޅައިފައިވާ އޭނާގެ އައިޑީކާޑުގެ ކޮޕީ އަކީ ދެހާސް ނުވަ ވަނަ އަހަރު މުއްދަތު ހަމަވެފައިވާ އެއްޗެއް ކަމަށާއި، އެ ކާޑުގައިވާ ސޮޔާއި މިހާރު އޭނާގެ އަތުގައި އޮތް ކާޑުގެ ސޮޔާ ތަފާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަސްރާރު އަދި ވިދާޅުވީ، އޭނާ ޑީއާރުޕީއަށް ސޮއިކުރި ފަހުން އެއްވެސް ޕާޓީއަކަށް ބަދަލުނުވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އަދި އެމްޑީޕީން ކޮށްފައިވާ މި އަމަލަކީ ޖަރީމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި މައްސަލައާ ގުޅިގެން ޑީއާރުޕީގެ ވަކީލު މުހައްމަދު ވަހީދު ވިދާޅުވީ، މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލާ ފަރާތްތަކަށް އެކަން ވިޔަނުދިނުމަށްޓަކައި، މަކަރާއި ހީލަތުން އެފަރާތްތައް އެމްޑީޕީއަށް ބަދަލު ކުރުމަށް އެމްޑީޕީން ހިންގާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިކަންތައް އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭނެ ކަމަށާއި، އަދުލު އިންސާފާއި ހަމަހަމަކަމުގެ ތެރެއިން ފުލުހުން ވެސް މިކަން ބަލައި ފިޔަވަޅު އަޅައި ބަންދު ކުރަންޖެހޭ މީހަކު ބަންދު ކުރުމަށް ވެސް ފުލުހުންގެ ކިބައިން ވަހީދު އެދިވަޑައިގެންނެވި އެވެ.


މިކަމާ ގުޅިގެން އެމްޑީޕީގެ ބަހެއް ހޯދައިލުމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހާ ގުޅި ނަމަވެސް ފޯނު ނުނެންގެވުމުގެ ސަބަބުން އެމްޑީޕީގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.