އަނގައިން ލޭ އައިސް، ޚަބަރު ހުސްވެފައި މާލޭގެ މަގެއް މަތީގައި އޮތްވައި ފެނުނު މީހާ ރޭ މަރުވެފައިވާ ކަމަށާއި، އޭނާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ރޭ ވަނީ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އިރުއޮއްސި 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ މުއައްސަސާއިން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް، ރޭ 20:00ހާއިރު ދިން މައުލޫމާތުގައި ހިމަނައިފައިނުވެއެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ މީހާ ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވެއެވެ." ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.