12 Sep 2012, 09:14
ބެއިޖިންގް (ސެޕްޓެމްބަރ 12): ޗައިނާގެ މިހާރުގެ ނައިބު ރައީސް އަދި މުސްތަޤްބަލްގައި އެޤައުމުގެ ރައީސްކަން ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ޗީ ޖިން ބިންގް ޗައިނާގެ ސިޔާސީ މަސްރަޙުންނާއި އާންމުން ޙަޔާތުން މުޅިން ގެއްލިވަޑައިގެންފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ޗައިނާގައި ތިއްބަވާ އެމެރިކާގެ ނިޔުޔޯކް ޓައިމްސް އާއި ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓަރުން ބުނާ ގޮތުން ޗީ ޖިން ބިންގް އަށް ވީނުވީ ނޭންގިފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ޗީ ޖިން ބިންގް އަށް ވީ ގޮތަކާމެދު ޗައިނާގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ލީޑަރުން ކަންބޮޑުވެފައިވާ އިރު އޭނާ އަށް ވަރުގަދަ ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވި ކަމުގެ ޚަބަރަކާއި ކަސްރަތުކުރައްވަނިކޮށް ބުރަކަށްޓަށް ލިބިވަޑައިގެންނެވި ގެއްލުމަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވާ ކަމުގެ ޚަބަރުތަކެއް ފޭސްބުކް އާއި ޓްވިޓާ ފަދަ ސޯޝަލް މީޑިޔާތަކުގައި ވަނީ ފެތުރިފަ އެވެ.
ޗީ ޖިން ބިންގް ގެއްލިވަޑައިގެންފައިވާ މައްސަލާގައި ޓައިވާންގެ މީޑިޔާ ބުނެފައި ވަނީ މަގުމަތީގެ އެކްސިޑެންޓަކުން އޭނާ އަވަހާރަކޮށްލުމަށް އޭނާގެ ސިޔާސީ ހަތުރުވެރިއަކު ރާވައިގެން ދާދި ފަހުން މަސައްކަތްތަކެއް ކޮށްފައިވާ ކަމުގަ އެވެ. މިރޭވުމުގެ ދަށުން ބާރަށް ދުއްވާފައި ދިޔަ ކާރެއް ޗީ ޖިންގެ ކާރުކޮޅުގައި ޖެއްސި ކަމުގެ ޚަބަރުތަކެއް ޗައިނާ އިން ލީކުވެފައިވާ ކަމަށާ ނަމަވެސް މިއެކްސިޑެންޓްގައި ޗީ ޖިން އަށް ގެއްލުމެއް ލިބިވަޑައިގެންނެވިކަން ނުވަތަ ނޫންކަން ސާފުވެފައިނުވާ ކަމުގަ އެވެ. ނަމަވެސް ޓައިވާންގެ މީޑިޔާ ބުނާ ގޮތުން މިރޭވުން ރޭވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓް ބިއުރޯގެ މެންބަރެއް ކަމަށާ މިމެންބަރު މިހާރު ހައްޔަރުކޮށް ކޮމިއުނިސްޓް ޕާޓީގައި އޭނާ ހުންނެވި މަޤާމުން ވެސް ވަކިކޮށްފައިވާ ކަމުގަ އެވެ.
މިއަޑުތަކާއެކު ވެސް ޗައިނާ ސަރުކާރުން މިމައްސަލާގައި ބުނެފައި ވަނީ ޗީ ޖިން ޢާންމު ތަންތަނުން ފެނިވަޑައިނުގަންނަވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިއުނިސްޓް ޕާޓީގެ 18 ވަނަ ބޮޑު ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަން ޖެހޭ ބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަށް ޓަކައި އެކަމަށް ހުސްވެ ވަޑައިގެން ހުންނަވާތީ ކަމުގަ އެވެ. ނަމަވެސް މިވާހަކަތައް ޗައިނާގެ ރައްޔިތުން ޤަބޫލުނުކުރާކަން ސޯޝަލް މީޑިޔާތަކުން ހާމަވެ އެވެ.
މުސްތަޤްބަލްގައި ދުނިޔޭގެ އެންމެ ބޮޑު ބާރުގެ މަޤާމަށް އަންނާނެ ކަމަށް ބެލެވިފައިވާ ޗައިނާގެ މުސްތަޤްބަލްގެ ރައީސް، ޗީޖިން އަކީ އެޤައުމުގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގައި ދެވަނައަށް އެންމެ އިސް ފަރާތެވެ. މިހާރުގެ ރައީސް ހޫޖިންޓާއޮއަށް ފަހު ޗައިނާގެ ރައީސް ކަމަށް ވެސް އަދި ކޮމިއުނިސްޓް ޕާޓީގެ ވެރިޔާގެ މަޤާމް ވެސް ލިބިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ ޗީ ޖިން އަށެވެ.
އުމުރުފުޅުން 59 އަހަރުގެ ޗައިނާގެ މުސްތަޤްބަލްގެ ޒަޢީމަށް ކޮންމެ ވެސް ނޭދެވޭ ކަމެއް ކުރިމަތި ވެއްޖެކަމުގެ ޝައްކު އެންމެ ބޮޑުވެގެންދިޔައީ މިހަފްތާގެ ކުރީކޮޅު ރަޝިޔާގައި ބޭއްވި "އޭޕެކް"ގެ އިސްވެރިންގެ ސަމިޓް އިފްތިތާޙް ކުރަން ކަނޑައެޅިފައިވާ ވަގުތަށް ވުރެ ލަސްކޮށްލުމަށް ޗައިނާގެ ރައީސް ހޫޖިންޓާއޮ އެދިވަޑައިގެންނެވިކަން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އިޢުލާންކުރެއްވުމުންނެވެ. ސަމިޓް ފެށުން ލަސްކޮށްލުމަށް ޗައިނާގެ ރައީސް އެދިވަޑައިގެންނެވީ ޗައިނާގެ ދާޚިލީ ބޮޑުކަމެއްގައި އުޅުއްވަންޖެހިވަޑައިގަތުމާ ގުޅިގެން ކަނޑައެޅިފައިވާ ވަގުތަށް ސަމިޓަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާތީ ކަމަށް ޕޫޓިން އޭޕެކްގެ އިސްވެރިންނަށް އަންގަވާފައިވެ އެވެ. ޕޫޓިންގެ މިއެންގެވުމާ އެކު މިމައްސަލާއި އޭޕެކްގެ ވެރިންވެސް އިތުރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ޗައިނާގައި އެޤައުމުގެ ވެރިންގެ އަމިއްލަފުޅު ދިރިއުޅުއްވުމާއި ސިއްޙީ ޙާލުކޮޅު ފަދަ ކަންކަމަކީ ދައުލަތުގެ ސިއްރުކަމުގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން އެ ޤައުމުގެ ޒަޢީމުން ނަށް ކުރިމަތިވާ ކުއްލި ކަންކަން ސިއްރު ކުރުމަކީ ޒަމާނުއްސުރެ އެޤައުމުން ގެންގުޅޭ ސިޔާސަތެކެވެ. (ނޫސްއެޖެންސީތައް)