ނަތީޖާ 2-2 އިން ހަމަހަމަވުމުން ޕެނަލްޓީ ޖަހައިގެން ޗެމްޕިއަން ވީބީ 6-4 އިން ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އޭވައިއެލް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ވީބީ އެވެ. އެއީ ފުރަތަމަ ހާފުގެ 23 ވަނަ މިނިޓްގައި އިސްމާއީލް މުހައްމަދާއި 65 ވަނަ މިނިޓްގައި ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެވެ. އޭގެ ފަހުން އޭވައިއެލް އަށް ފަހަރަގު ކުޑަކޮށްދިނީ 75 ވަނަ މިނިޓްގައި އަބުދުﷲ މުއާޒު (އޮޓޯ) އެވެ. އަދި މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ނަތިޖާ ހަމަހަމަކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބޯގާ ލޮގާ އެވެ.

ޕެނަލްޓީގައި އޭވައިއެލްގެ ހުރިހާ ޕެނަލްޓީ އެއް ކާމިޔާބު ކުރި އެވެ. އެއީ ކެޕްޓަން ޔާމީން އިބްރާހީމާއި މޫސާ ހަސަން އަދި ލޮގާ އާއި އޮޓޯ އެވެ. ވީބީން ޕެނަލްޓީ ކާމިޔާބު ކުރީ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އިއްސޭ އެވެ. ނާކާމިޔާބުވީ އަހުމަދު އަޝްފާން ހުރަސް ދަނޑިމަތިން ޖެހި ޕެނަލްޓީ އާއި ފަރުހާދު އިސްމާއީލް ޖެހުމުން ދަނޑީގައި ޖެހިފައި ނުކުތް ޕެނަލްޓީ އެވެ.

ސެމީ އަށް ދިއުމުން އޭވައިއެލް ކުޅެން ޖެހޭނީ މިރޭ ނިއު އާއި އީގަލްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.