ޔަންގޫން (ސެޕްޓެމްބަރ 11): މިޔަންމާގެ މުސްލިމުންގެ ޙާލުބެލުމަށް ޓަކައި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ވަފްދެއް މިޔަންމާއަށް ޒިޔާރަތް ކުރަމުންގެންދާކަން އެޤައުމުން ހާމަކޮށްފި އެވެ.

މިޔަންމާ ސަރުކާރުން އިއްޔެ ބުނީ އޯއައިސީގެ ވަފްދުގައި ތިން މެންބަރުން ހިމެނޭކަމަށާއި އެބޭފުޅުން އެޤައުމުގެ ރޮހިންގިޔާ މުސްލިމުން ދިރިއުޅޭ ސަރަޙައްދުތަކަށް ޒިޔާރަތްކޮށް އެމީހުން ދިރިއުޅޭ ވަގުތީ ހިޔާތަކަށާއި ފޭލިގެތަކަށް ޒިޔާރަތްކޮށް ޙާލުބަލަމުންގެންދާ ކަމުގަ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން މިޔަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި މުސްލިމުންގެ 90 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވިކަމަށް މިޔަންމާ ސަރުކާރުން ވެސް ހާމަކޮށްފައިވެ އެވެ. ނަމަވެސް މުސްލިމުންނާ އިދިކޮޅު ހައްދުފަހަނަޅާފައިވާ ބުޑިސްޓުންގެ ޙަމަލާތަކުގައި މަރުވި މުސްލިމުންގެ ޢަދަދު މިއަށް ވުރެ އެތަށް ގުނައެއް މަތިކަމަށާއި މިޙަމަލާތަކުގައި މުސްލިމުންގެ ބައެއް ވިލެޖްތައް އެއްކޮށް އަންދާލައި ގެދޮރާއި މުދައު މުޅިން ސުންނާފަތިކޮށްފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވެ އެވެ.

މިއަނިޔާތަކާގުޅިގެން އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާވަނީ މިޔަންމާގެ މުސްލިމުންގެ ޙައްޤުގައި ތެދުވެ މިޔަންމާގެ ސަރުކާރަށް ފިއްތުންތައްކުރިމަތިކޮށްފަ އެވެ. މީގެއިތުރުން އިސްލާމީ ބައެއް ޤައުމުތަކުން ވަނީ ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖްރަކުރި މިޔަންމާގެ މުސްލިމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް އަވަސް ފިޔަވަޅުތަކެއް އަޅާފަ އެވެ. އަނެއްކޮޅުން މިދިޔަ މަހު މާތްވެގެންވާ މައްކާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުންވަނީ މިޔަންމާގެ މުސްލިމުންނަށް އަނިޔާލިބެމުންދާ މައްސަލަ އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމަށް ވެސް ނިންމާފަ އެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހަރުކަށި ބުޑިސްޓުންގެ ޖަމާއަތްތަކުންއެޤައުމުގެ ރޮހިންގިޔާ ދަރިކޮޅުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށްހިންގަމުން ގެންދިޔަ ލާއިންސާނީ ޢަމަލުތައް އަމާޒުކޮށްފައި ވަނީ އެ މީހުންގެނަސްލު ވުޖޫދުން ނައްތާލުމަށް ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ. މިގެތެރޭގައި މުސްލިމުންގެ ގެދޮރުގައިހުޅުޖެހުމާއި އެމީހުންގެ މުދަލާއި ތަކެތި ފޭރުމާއި އަންހެނުން ރޭޕްކުރުމާއިކުޑަކުދިން ވަގަށްނެގުމުގެ އިތުރުން ޤަތްލުޢާންމުތައް ހިންގުން ހިމެނެއެވެ. އަދި ރޮހިންގިޔާ މުސްލިމުން ނަމާދުކުރާ މިސްކިތްތައްހަލާކުކުރުމާއި ނަމާދުކުރުން މަނާކުރުމާއި އެމީހުންގެ ދީނީޢިލްމުވެރިންނާއި ޝަރީޢާ ކިޔަވާ ދަރިވަރުން ހައްޔަރުންފަދަ ލާއިންސާނީޢަމަލުތައްވެސް އެމީހުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހިންގަމުން ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ. (އަލްޖަޒީރާ)