ކުޅިވަރާ ބެހޭ ކަންކަން ކުރަން ޚާއްސަ، މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި 300 އާ ގާތްކުރާ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައި ތިބިކަން ހާމަވެއްޖެއެވެ.

"ސަން"އަށް ލިބިފައިވާ މައުލޫމާތުތަކެއްގައިވާ ގޮތުން، އެ މިނިސްޓްރީގައި އެކި ފެންވަރުގެ މަގާމުތަކުގައި މި ވަގުތު ޖުމްލަ 291 މީހަކު އެބަތިއްބެވެ. އެއީ:

  • މިނިސްޓަރާއި، ކޮމިޝަނާ އޮފް ސްޕޯޓްސް ހިމެނިވަޑައިގަންނަވާހެން މިނިސްޓަރު ފެންވަރުގެ ދެ ބޭފުޅުން

  • 3 ސްޓޭޓް މިނިސްޓަރުުން
  • 18 ޑެޕިއުޓީ މިނިސްޓަރުން
  • 114 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
  • 78 ޕޮލިޓިކަލް ޑިރެކްޓަރުން
  • 20 އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުން
  • 56 ޔޫތު އެސޯސިއޭޓުން

މިހާ ގިނަ މަގާމުތައް ހުރިއިރު، މި ހުރިހާ މަގާމެއްގައި ތިބި ފަރާތްތަކަށް ވަޒީފާގެ މަސްއޫލިއްޔަތުތައް ބެހިފައިވާ ގޮތް ވެސް ސާފެއް ނޫނެވެ. އަދި ކުރަނީ ކޮން މަސައްކަތެއްކަން ވެސް ނޭނގެއެވެ.

މި އަހަރު ސްޕޯޓްސް މިނިސްޓްރީއަށް ކަނޑައަޅައިފައިވަނީ 623 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މާޗު މަހުގެ 26ވަނަ ދުވަހާ ހަމައަށް އޭގެ ތެރެއިން 80 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

މި ސަރުކާރަށް ދެ އަހަރާއި ބައި ވެފައިވާއިރު، ސަރުކާރުން ބުނާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިބީ އެންމެ 700 އެއްހައި މީހުންނެވެ. ނަމަވެސް އިދިކޮޅުން ވެސް އެ އަދަދުތަކާ މެދު ސުވާލު އުފައްދާއިރު، އެ އަދަދު ހާހުން މައްޗަށް އަރާނެކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ.