11 Sep 2012, 21:50
ކ. މާފުށީގައި ޓޫރިސްޓުން ތިބި ގެސްޓް ހައުސްއެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ގެސްޓް ހައުސްގެ އެއް ކޮޓަރީގެ ހުރިހާ ސާމާނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.
ފުލުހުން ބުނީ "މާފުށި އިން" ގެސްޓް ހައުސްގައި ރޯ ކޮށްލާފައިވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށާއި ދެވަނަ ފަންގިފިލާގެ ކޮޓަރީގައި ރޯކޮށްލުމުން އެ ކޮޓަރީގައި ހުރި އޭސީ އާއި ފަރުނީޗަރުތަކާއި ގޮދަޑި ފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަލިފާންގަނޑު ސިޓިން ރޫމަށް ފެތުރި އެތަނުގައި ހުރި ބައެއް ތަކެއްޗަށް އަސަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ސަރުކާރުގެ މައި ޖަލު ވެސް ހުންނަ މާފުށީގެ ގެސްޓް ހައުސްގައި ރޯ ކޮށްލުމުން ރޭ ދަންވަރު 1:40 އެހާކަންހާއިރު ހާއިރު މާފުށީގައި ތިބޭ ފުލުހުންނާއި ރަށުގެ އާންމުންގެ ބަޔަކު ވަނީ އަލިފާންގަނޑު ނިއްވާލާފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގި އިރު އެ ގެސްޓް ހައުސްގެ ބައެއް ކޮޓަރިތަކުގައި ޓޫރިސްޓުން ވެސް ތިއްބެވެ. ނަމަވެސް އަލިފާން ރޯވި ކޮޓަރީގައި އެއްވެސް މީހަކު ނެތެވެ. އަލިފާން ރޯވުމުން ޓޫރިސްޓުން އެހެން ތަންތަނަށް ބަދަލުކޮށް އިމާރާތް ހުސްކުރީ އެވެ.
ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާއާ ގުޅުން ހުރި ކަމަށް ތުހުމަތުވާ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރު ކުރި ވަގުތު ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި 19 އަހަރާއި 21 އަހަރުގެ ދެ ފިރިހެނަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.