މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާތީ، އަގު ކަވަރު ނުކުރެވޭތީ، ބަޖެޓް އެއާލައިން، އެއާއޭޝިއާ އެކްސްގެ ދަތުރުތައް އަގުބޮޑުކޮށްފިއެވެ.

އެ އެއާލައިނުން ފިއުލް ސާޗާޖު ގާތްގަނޑަކަށް 20 ޕަސެންޓް ބޮޑުކޮށްފައިވާއިރު، ދަތުރު ފަތުރުގެ އަގުތައް ވަނީ 31 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބޮޑުވެފައި ކަމަށް ވެސް އެއާލައިނުން ބުނެއެވެ.

ބައެއް މާކެޓްތަކުގައި ޖެޓް ފިއުލް ފީފާއެއްގެ އަގު ވަނީ 300 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.

ނަމަވެސް އެއާއޭޝިއާ އެކްސްގެ ކޯ ފައުންޑާ އަދި ކެޕިޓަލް އޭގެ ޗީފް އެގްޒެކެޓިވް ޓޯނީ ފަރްނާންޑޭސް ވިދާޅުވީ ފްލައިޓްތަކަށް ޑިމާންޑް އަދިވެސް ބޮޑު ކަމަށާއި ކްރައިސިސްއަށް ފަހު އެ އެއާލައިން ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ބޯ ލިންގަމް ވިދާޅުވީ ޖޫން މަހު ބަހްރެއިންގައި ޕްލޭންކޮށްފައިވާ ހަބެއް ހުޅުވުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް ހަނގުރާމަ ދިގުދެމިގެންދާނަމަ ޕްލޭންތައް ކުރިގެންދިއުމަށް ދަތިވާނެކަން އޭނާ ފާހަގަކުރެއްވިއެެވެ.

އޭޝިއާ އިން ބޭރުގައި ފުރަތަމަ ފަހަރަށް ކުރާ ދަތުރު ބަހްރެއިން ހަބް މެދުވެރިކޮށް ކުއަލަލަމްޕޫރުން ލަންޑަނަށް ދަތުރުތައް އަލުން ފެށުމަށް ރާވާފައިވާކަންވެސް އެ އާލައިނުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެކަން އިއުލާނުކޮށްފައި ވަނީ މެދުއިރުމަތީގައި ހަނގުރާމަ ފެށި ފަހުންނެވެ.

ބޯ ވިދާޅުވީ ޖޫން މަހުގެ ކުރިން ހަނގުރާމަ ނިމިއްޖެ ނަމަ ބަހްރެއިންގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ ގިނަ އެއާލައިންތަކަކުން އަންނަނީ ދަތުރުތަކުގެ އަގު ބޮޑުކުރަމުންނެވެ. އެގޮތުން އެއާ އިންޑިއާ، އެއާ އިންޑިއާ އެކްސްޕްރެސް، އިންޑިގޯ، އަކާސާ އެއާ އަދި އެއާ ނިއުޒީލެންޑުންވެސް ވަނީ ދަތުރުތަކުގެ އަގުބޮޑުކޮށްފައެވެ.