11 Sep 2012, 19:10
މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއި އެކު ސަރުކާރުން ފަށާފައިވާ މަޝްވަރާތައް، ލީޑާޒް ޑައިލޮގުން ވަގުތީ ގޮތުން އެމްޑީޕީ ވަކިވުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާކަމަށް ސަރުކާރުން ބުނެފި އެވެ.
ލީޑާޒް ޑައިލޮގްގެ ދެވަނަ މަޝްވަރާތައް މާދަމާ ބޭއްވުމަށް ޝެޑިއުލްކޮށްފައި ވަނިކޮށް އެ މަޝްވަރާތަކުން އެމްޑީޕީގެ ވަކިވުމުން ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހުރި މައްސަލަތައް ހައްލުވަންދެން އެ ޕާޓީން ލީޑާޒް ޑައިލޮގުގައި ބައިވެރިވުން މަޑުޖައްސާލުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.
"އެ ޕާޓީގެ އެތެރޭގައި ހުރި މައްސަލަތަށް ކަމަށްވާ؛ އެ ޕާޓީގެ ލީޑަރަކީ ކާކުކަން ކަނޑައެޅުން، އަދި ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުން، މިކަންކަން އެ މީހުންނަށް [އެމްޑީޕީ]ން އެންމެ ފުރަތަމަ ހައްލުކުރަން ޖެހެނީ، އެހެންކަމުން އެ ނިންމުމަށް ސަރުކާރުން މަރުހަބާ ކިޔަން،" އެސްއެމްއެސް މެދުވެރިކުރައްވައި އައްބާސް ވިދާޅުވި އެވެ. އިތުރު އެއްޗެއް އެ މައްސަލައިގައި އޭނާ ވިދާޅެއްނުވި އެވެ.
އެ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިނުވާން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމި ސަބަބެއް އެ ޕާޓީން އަދި ހާމަކޮށްފައެއްނުވެ އެވެ.
ލީޑާޒް ޑައިލޮގްގެ ފުރަތަމަ ބައްދަލުވުން އޮތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ބައްދަލުވުމުގައި އެމްޑީޕީން ބައިވެރިވެ ވަޑައިގަތް އެ ޕާޓީގެ ޗެއާޕާސަން، ރީކޯ މޫސާ މަނިކު ވަނީ އެ ޕާޓީ ސަރުކާރުގައި ބައިވެރިވުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ހުށަހެޅުން ސަރުކާރުން ގަބޫލުކޮށްފައެއްނުވެ އެވެ.
މީގެ ކުރިން އޯލް ޕާޓީ ޓޯކްސްގެ ނަމުގައި ކުރިއަށް ގެންދިޔަ ވާހަކަތައް، ލީޑާޒް ޑައިލޮގަށް ބަދަލުކޮށް އެ ވާހަކަތަކުގައި މަޖިލީހުގެ ހިމެނޭ ޕާޓީތަކުގެ ލީޑަރުން އެކަނި ބައިވެރި ކުރަން އެއްބަސްވީ ކޯނީގެ ރިޕޯޓު ނެރުނު ރޭ ބަޑޮހުގައި ޕާޓީތަކުގެ ލީޑަރުން ބޭއްވި މަޝްވަރާތަކަށްފަހު އެވެ.
ލީޑާޒް ޑައިލޮގްގައި މަޝްވަރާ ކުރަން އެޖެންޑާކޮށްފައިވަނީ ޑިމޮކްރަސީ އާއި ހެޔޮވެރިކަން ކުރިއެރުވުމަށް މަޝްވަރާ ކުރުމާއި އެމްޑީޕީ ހިމެނޭ ގޮތައް އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރުމަށް މަޝްވަރާ ކުރުމާއި އަމާން ކަމާ އެކު މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރުމާއި ކޯނީގެ ރިޕޯޓުގައި ހުށަހަޅާފައި ހުރި ކަންތައްތަކަށް އަމަލުކުރުމުގެ މަޝްވަރާތަކާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަޝްވަރާކުރުމެވެ.