11 Sep 2012, 18:23
ރާއްޖޭގެ އާސާރީ ތަރިކަތައް ރައްކާތެރިކުުރުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ އިން ރާއްޖޭގެ ހެރިޓޭޖް ޑިޕާޓްމެންޓަށް 20،000 ޑޮލަރު (308،400 ރުފިޔާ) ދީފި އެވެ.
ޔޫއެސް އެމްބެސެޑާސް ފަންޑްފޯ ކަލްޗަރަލް ޕްރިޒަވޭޝަން އިން ދިން އެހީ ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެމެރިކާ އިން ރާއްޖެ އަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝޭލް ސިސޮން އެވެ. ގައުމީ ދާރުލް އާސާރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދެއްވި އެ އެހީއާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ އަހުމަދު ސަމީރެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަފުޅު ދައްކަމުން އެމްސެޑާ ސިސޮން ވިދާޅުވީ އެ އެހީއަކީ ވަރަށް ކުޑަކުޑަ އެހީއެއް ކަމަށާއި އެހެން ނަމަވެސް މިފަދަ އެހީތަކުން ރަމްޒުކޮށްދެނީ ގައުމީ ދާރުލް އާސާރަށް އެހީތެރިވުމަށް އެމެރިކާގެ ހުރި ހާއްސަ އަދި އިހުލާސްތެރި ޝައުގުވެރިކަން ކަމަށެވެ.
ދާރުލްއާސާރުގައިވާ އާސާރުތަކުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރު ސިސޮން ވިދާޅުވީ އެ ތަކެއްޗަކީ ހަމައެކަނި ދާރުލް އާސާރަށް ޒިޔާރަތްކުރާ މީހުންނާއި ކިޔަވާ ކުދިންނާއި އާއިލާތަކާއި އެކި ގައުމުތަކުން އަންނަ ޓޫރިސްޓުންނަށް އެކަނި މުހިއްމު ތަކެތި ނޫން ކަމަށެވެ.
" ..... މި އަގުބޮޑު އާސާރުތަކަކީ ދިރާސާކުރާ ފަރާތްތަކަށާއި އިލްމުވެރިންނަށް ޓަކައި ވެސް ރައްކާތެރިކޮށް ބަލަހައްޓަން ޖެހޭ ތަކެތި،" ސިސޮން ވިދާޅުވި އެވެ.
ތަރިކަތައް ރައްކާތެރިކުރުމަށް، އެހެން ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން މީގެ ދިހަ އަހަރު ކުރިން ތައާރަފްކުރި ޔޫއެސް އެމްބެސެޑާސް ފަންޑުގެ ދަށުން މީގެ ކުރިން ވެސް ރާއްޖެ އަށް އެކިވަރުގެ އެހީތެރިކަން ދީފައިވާކަން އެމްބެސެޑާ ފާހަގަކުރެއްވި އެވެ.
ހަފުލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަމީމު ދެއްކެވި ވާހަފުޅުގައި ޔޫއެސް އެމްބެސެޑާސް ފަންޑްގެ ދަށުން މީގެ ކުރިން ދީފައިވާ ބައެއް އެހީތައްް ފާހަގަކުރައްވައި، އެ އެހީތަކާއި މިއަދު ދިން އެހީތެރިކަން ފާހަގަކޮށް އެމެރިކާ ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ.
އެމެރިކާ އިން ދިން އެހީ ބޭނުންކުރާނެ ގޮތަކާ ބެހޭ ގޮތުން ހެރިޓޭޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ މިދިޔަ އަހަރު ޖުލައި މަހު ގައުމީ ދާރުލްއާސާރު ހުޅުވި އިރު އޮތީ އެހާ ރަނގަޅަށް ނޫން ކަމަށާއި އޭރު ފުރިހަމަ ނުކުރެވި ހުރި ކަމަށާއި އެ ކަންތައްތައްތައް ފުރިހަމަ ކުރުމަށް ވެސް އަދު ދިން އެހީގެ ބައެއް ހޭދަވާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ދާދުލް އާސާރުގައި ކުރަން ހުރި މަސައްްކަތްތަކަށް އެހީގެ ތެރެއިން ހަރަދުކުރާނެ ކަމަށެވެ. އަދި އެމެރިކާއާ ގުޅިގެން އެ ދާއިރާ އިން މީހުން ތަމްރީނު ކުރާނެ ގޮަތަކާ މެދު ވެސް އަންނަނީ މަޝްވަރާކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ފެބްރުއަރީ ހަތް ވަނަ ދުވަހު ބަޔަކު ދާރުލް އާސާރަށް ގެއްލުންދީ ޕްރީ އިސްލާމިކް ކަލެކްޝަން މުޅިން ހަލާކޮށްލި ކަމަށާއި އެކަމާ ގުޅިގެން އެހޯލް ހުސްކޮށް، އެހެން ތަކެތި އެތަނަށް ވައްދަން ޖެހޭ ކަމަށާއި އެގޮތުން ވައްދަން ހުރި ތަކެތީގެ ތެރޭގައި ފަރުވާ ބޭނުންވާ ތަކެތި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މިއަދު ލިބުނު އެހީ އެކަމަށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
އަލީ ވަހީދު އަދި ވިދާޅުވީ މިއަދު ޔޫއެސް އެމްބެސެޑާސް ފަންޑުން ދެއްވި އެހީއަކީ ހެރިޓޭޖްޑިޕާޓްމަންޓުން އެކަމަށް އެދުމުން ދެ ފަރާތުގެ މެދުގައި ވާހަކަ ދެކެވިގެން ހަމަޖެހުނު އެހީއެއް ކަމަށެވެ.