ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މަސާބާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ފިރިމީހާ އަދި އެކްޓަރު ސަތްޔަދީޕް މިޝްރާ އާއި ދެ އަހަރުގެ އަންހެން ދަރިފުޅާ އެކު މަސާބާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ވަނީ ހާމަކޮށްފައެވެ.

އެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ ކައިރީގައި އޮންނަ ލަގްޒަރީ ރިސޯޓު 'ވިލާ ނައުޓިކާ މޯލްޑިވްސް'ގައެވެ.

އެ ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން މަސާބާ ކެޕްޝަނެއްގެ ގޮތުގައި ލިޔެފައި ވަނީ، ރާއްޖޭގައި ހޭދަ ކުރަމުން އަންނަނީ ވަރަށް އުފާވެރި ވަގުތުތަކެއް ކަމަށެވެ.

އިންޑިއާގެ ފަންނާނުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެއެވެ. އަބަދުވެސް ގިނަ ފަންނާނުންތަކެއް ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރަމުން ދެއެވެ.