ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދެއްކި ސަން އޮންލައިންގެ ނޫސްވެރިޔާ މުހައްމަދު ހަސަން، ސަން އޮންލައިންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ކަނޑައަޅައި ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

ސަން މީޑިއާ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސަން އޮންލައިންގެ ޖާނަލިސްޓް، ހއ. ދިއްދޫ ދާންނާގެއާގެ މުހައްމަދު ހަސަން މިދިޔަ ހޮނިހިރު ދުވަހު އޮފީހަށް ނުކުތުމަށް ފަހު އޭނާގެ ދަރިފުޅު ބަލިކަމަށް ބުނެ ހަތަރު ދުވަހުގެ ޗުއްޓީއަކަށް އެދުމުން އެ ތާރީހުން ފެށިގެން ހަތަރު ދުވަހުގެ ޗުއްޓީއެއް ލިއުމުން އޭނާ އަށް ދިން ކަމަށެވެ. ނަމަވެސް ފަހުން ސަން އަށް އެނގިފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެން އިން ދިއްދޫގައި ބޭއްވި ޖަލްސާގައި، އެ ޕާޓީގެ ޕޯޑިއަމްގައި މުހައްމަދު ވަނީ ވާހަކަ ދައްކާފައިވާ ކަމަށް އެ ނޫހަށް އެނގުނު ކަމަށް ބުނެފައިވެ އެވެ.

އެ ޖަލްސާގައި އޭނާ ވާހަކަދައްކާފައި ވަނީ ސަންއިން ފޮނުވައިގެން ނޫން ކަމަށާއި އަދި އެ ޖަލްސާ ކަވަރު ކުރުމަށް އޭނާ އެސައިންކޮށްފައި ނުވާނެ ކަމަށް ސަން އިން މިއަދު ނެރުނު އެސް ސަފުހާގެ ބަޔާނުގައިވެ އެވެ.

ސަން މީޑިއާ ގްރޫޕުން ބުނީ މުހައްމަދު ހަސަންގެ އެ އަމަލު ކުށްވެރި ކުރާ ކަަމަށާއި އަދި ސިޔާސީ ޕާޓީތަކުން ވެސް ކަނޑައެޅިގެން އެނގި ތިބެ ނޫސްވެރިންނަށް އެފަދަ ފުރުސަތުތައް ނުދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.