އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ މިއަދު ވަކިކޮށްފިއެވެ.

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، ހުސެއިން ދީދީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ ދަރިފުޅު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކޮށްފިއެވެ.

ސަރުކާރުން އެ ބަދަލުތައް ގެންނައިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ.

ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އަދި ކުރި ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

މުހިންމު ތިން ވޯޓެއް އެ ދުވަހު ނެގިއިރު، އެ ވޯޓުތައް ސިފަކޮށްފައިވަނީ، ކެމްޕޭނަށް މިލިއަނުން ޚަރަދު ކުރި ސަރުކާރަށް ތާއިދު އޮތް މިންވަރު ދައްކުވައިދޭނެ ވޯޓުތަކެއްގެ ގޮތުގައެވެ.

މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ސަބަބުތަކުގެ ތެރޭގައި، މުސާރައާއި އިނާޔަތްތައް ހިމެނޭ ރިކަރަންޓު ޚަރަދު ބޮޑުވުން ހިމެނެއެވެ. އެގޮތުން، މި ސަރުކާރުން ވެރިކަމަށް އައީ، ސިޔާސީ މަގާމުތައް 700އަށް ވުރެ އިތުރުނުކުރާނެ ކަމުގެ ވައުދާއެކުގައި ކަމަށްވީ ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަަދަދު 3،000އަށް ވުރެ އިތުރު ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

އެގްރޯނެޓަކީ، ވަކި ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީ ކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި 2020ގައި އުފެއްދި ކުންފުންޏެކެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަޒީރުންގެ ލަފާގެ މަތިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށާއި އުވާލުމަށް ނިންމަވައިފައެވެ. އޭގެ ތެރެއިން އުވާލަން ނިންމެވި ކުންފުނިތަކުގެ ތެރޭގައި އެގްރޯނެޓް ހިމެނުނެވެ.

އެހެންނަމަވެސް، މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން އުވާލަން ނިންމި އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން މިދިޔަ އަހަރުގެ މާޗު މަހު ކެބިނެޓުން ނިންމިއެވެ.

ރައީސް އޭރު އެންގެވީ އެ ކުންފުނީގެ މަސައްކަތްތައް، އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރުމަށެވެ.