06 Apr 2026, 18:09
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ ކޮއްކޮއާއި ދެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން މިއަދު ވަކިކޮށްފިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަސްމާގެ ދަރިފުޅު ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މަގާމުން ވަކިކޮށްފިއެވެ.
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މުންދުއާއި ސަލްމާ މަގާމުން ވަކިކުރި ނަމަވެސް، އާމިނަތު އޭނާގެ މަގާމުން ވަކިކޮށްފައެއް ނުވެއެވެ.
މަގާމުން ވަކިކުރި ބޭފުޅުންގެ އާއިލީ ބޭފުޅަކު 'ސަން'އަށް ވިދާޅުވި ގޮތުގައި ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ، އަސްމާގެ ދަރިފުޅު އާމިނަތު ހުސައިން ޝަރީފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އެ ތިން ބޭފުޅުން ވެސް މަގާމުތަކުން ވަކިކޮށްފައި ވަނީ މިފަހުން ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އޯޑިއޯއެއްގެ މައްސަލައާ ގުޅިގެންކަން 'ސަން' އަށް ވަނީ ކަށަވަރުވެފައެވެ.
އެ އޯޑިއޯގައި މެންބަރު އަސްމާ ވެސް ހިމެނޭހެން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ތިން ބޭފުޅުން ވެސް މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.