އަންނަ ނޮވެންބަރު މަހު ބޭއްވުމަށް ހަމަ ޖައްސާފައިވާ ޕީޕީއެމްގެ ކޮންގެސްގެ ކުރިން 35،000 މެންބަރުން ހަމަ ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށާއި ހދ.އަތޮޅުގެ ބައެއް ރަށްތަކަށް ޕީޕީއެމްއިން ކުރި ދަތުރު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން ޔާމީން މިއަދު ވިދާޅުވީ ޕާޓީގެ ކޮންގްރެސްގެ ކުރިން 35،000 މެންބަރުން ހަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިހާރު އެއްވެސް މައްސަލައެއް ނެތި 17،000 އެބައޮތް އިލެކްޝަނުން ބަލައިގެން ފައި. އަދި އިތުރަށް ސައްހަ ކުރަން އެބައުޅޭ އަށް ހާހާ ގާތްކުރާ އަދަދެއް. މި ދަތުރުގައި ގާތްގަނޑަކަށް 2500 މީހުން އިތުރުވީ. އެހެން ވީމަ އަޅުގަނޑުގެ ވިސްނުމުގައި އަޅުގަނޑުމެންގެ ޕާޓީގެ ވިސްނުމުގައި މި މަސައްކަތްކުރަނީ 35000 ހަމަ ކުރަން،" ޔާމިން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ ހއ. އާއި ހދ. އަތޮޅަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި އެ ދަތުރުގައި ގިނަ އަދެދެއްގެ މީހުން ޕީޕީއެމްއާއި ގުޅިފައިވާއިރު ބައެއް ރަށްތަކުގައި ޕީޕީއެމްގެ ހަރުގެތައް ހުޅުވި ކަމަށެވެ.

ރާއްޖެތެރެއަށް ކުރި ދަތުރުގައި ގިނަ ރަށްތަކުން މިހާރުވެސް އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ބުނަމުންދާ ކަމަށާއި ބައެއް ތަންތަނުގައި އެމްޑީޕީގެ ބައެއް މީހުން ވެރިނަށް ތިބޭތީ އެކަމާއި ޝަކުވާ ކޮށްފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"[ރަށްތަކުން ބުނަމުންދަނީ] ރަށް ރަށުގެ ހެލްތް ކޯޕަރޭޝަނާއި ދެންވެސް ހުރި ތަންނުގައި މި ތިބީ އެމްޑީޕީގެ އިސް މީހުންނޭ. މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ފެނިގެންދިޔައީ އެމްޑީޕީގެ ހަރަކާތްތަކުގައި މިހުން މިހާރު އިއްތިހާދުވެފައިވާ ޕާޓީތަކާއި ގުޅިގެން ހަމަ އެ މަގާމުގައި ތިބޭ ތަނޭ. ތިމަންނަމެން ރައްޔިތުންނާއި މުހާތަބު ކުރުމަށް މިތިބީ ހަމަ އެއްބަޔަކޭ. ރައްޔިތުން މި ފަދަ ބޮޑު މަސައްކަތްތެއް، ގުރުބާނީ އެއް ވެފައި ތިބި މީހުންނަށް ވަރަށް އުނދަގޫވެއޭ މިކަން ބަލައިގަންނަން. މި ޝަކުވާ ވަރަށް ގިނަ ރައްޔިތުން ކުރި ހަމަ ބޮޑެތި ހުރިހާ ރަށްތަށަކުން ވެސް" ޔާމިން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ އެ ޝަކުވާތައް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަތައް ހައްލު ކުރުމަށް ޕާޓީތަކަށް އަލަށް މީހުން ވަންނަ މީހުންނާއިމެދު ވިސްނުމަށް ޕާޓީތަކުގެ މެދުގައިވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށްފައި އިރު އެ އަތޮޅުން 2000 މީހުން އެ ޕާޓީއަށް ވަދެފައިވާ ކަމަށާއި އަދި ހދ. ކުޅުއްފުއްޓާއި އެ އަތޮޅު ކުރިނބީން ޖުމްލަ 500 ވަރަކަށް މީހުން އެ ޕާޓީއަށް ވަދެފައިވާ ކަމަށް ޕީޕީއެމް މައުލޫމާތުދެ އެވެ.

ޕީޕީއެމް ބުނީ މިމަހުގެ ތެރޭގައި ރ. އަތޮޅަށާއި ގއ. އަދި ގދ. އަތޮޅަށް އެޕާޓީގެ ދަތުރުތައް ކުރުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.