ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ "ލީޑާރސް ޑައިލޮގް"ގައި އެމްޑީޕީ ބައިވެރިވަމުން ގެންދިއުން "މި ވަގުތަށް" މަޑުޖައްސާލުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ބުނީ ގައުމީ ހިންގާ ކޮމިޓީން އެ ގޮތަށް ނިންމާފައި ވަނީ، އެމްޑީޕީން މި މަޝްވަރާތަކުގައި ބައިވެރި ނުވުމުގެ ބޭނުމެއްގައި ނޫން ކަމަށެވެ. އެމްޑީޕީ އަކީ އަބަދުވެސް މަޝްވަރާގެ އުސޫލުތަކަށް ތާއީދުކޮށް މަރުހަބާ ކިޔާނޭ ޕާޓީއެއް ކަމަށް އެމްޑީޕީން މިއަދު ބޭއްވި ގައުމީ ހިންގާ ކޮމިޓީގެ 125 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެމްޑީޕީން ވެބްސައިޓުގައި ބުނެފައިވެ އެވެ.

ލީޑާސް ޑައިލޮގުން އެމްޑީޕީ ވަގުތީ ގޮތުން ވަކިވުމަށް ގައުމީ ހިންގާ ކޮމެޓީން ނިންމި ސަބަބާ ބެހޭ ގޮތުން މައުލުމާތު ހޯދާލުމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ (އިންތި) އަށް ގުޅުއްވާލެއްވުމުން އޭނާ ވިދާޅުވީ އެކަމުގެ ސަބަބު ބަޔާންކޮށްދެވެން ނެތް ކަމަށެވެ. އަދި މިވަގުތަށް މީޑީއާއަށް ހާމަކުރެވޭ ވަރަށް އެމްޑީޕީގެ ވެބްސައިޓުގައި ޙަބަރެއް ޝާއިރުކޮށްފައިވާނެ ކަމަށް އިންތި ވިދާޅުވި އެވެ.

"އިތުރަށް ވިދާޅުވާނެ އެއްޗެއް ނެތް. އަޅުގަނޑުމެން އިއްތިފާގުން އެކަން ނިންމާފައި އެއޮތީ. އެކަމުގެ ތަފްސީލު ނުދެވެނީކީ މަސްލަހަތައްޓަކައެއް ވެސް ނޫން ހަގީގަތުގައި،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ނިންމުމަކީ މިއަދު ބޭއްވި ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމެވި ނިންމުމެއް ކަމަށެވެ.