ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ހަޝިޝް އޮއިލް އަނެއްކާވެސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިދިޔަ ފެބްރުއަރީ 12ގައި ވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގެންފައެވެ. އޭގެކުރިން މިދިޔަ ޑިސެމްބަރު 25ގައި، ޗޮކްލެޓު ސިރަޕް ފުޅިތަކެއްގައި އެތެރެކުރަން އުޅުނު 30 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ވަނީ ހިފަހައްޓާފައެވެ.

އޭގެތެރެއިން، 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ގެނައި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

އޭގެފަހުން އަނެއްކާވެސް މި ވަނީ އެ ފަދަ މައްސަލައެއް ފެންމަތިވެފައެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ހަޝިޝް އޮއިލް އަތުލައިގެންފައިވާ ކަމަށެވެ.

އެ ތަކެތީގެ ބަރުދަނުގައި 2،174 ގުރާމު ހުރިއިރު، މަގުމަތީގެ އަގު 1.7 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

މި ތަކެތި އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ހަޝިޝް އޮއިލަކީ، ކެނެބިހުގެ ބާވަތެއް ކަމަށްވާއިރު، އެއީ ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރާ މިންވަރު އިތުރުވަމުން އަންނައިރު ވައިގެ މަގުން ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުން ވެސް އާންމެވެ. އެފަދައިން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ކަސްޓަމްސްއިން އެތައް ފަހަރަކު ހިފަހައްޓާފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.