ރޯދަ މަހުގެ ފަހު ދިހަޔަކީ ކީރިތި ރަސޫލާ ވެސް ވަކިން އެކަހެރިވެ، އަޅުކަމުގައި އުޅުއްވި ދުވަސްތަކެއް ކަމަށާއި މި ރޯދަ މަހުގެ ފަހު ދިހައިގައި އެކަހެރިވެ ޖިސްމާނީ ކަންކަމަށްވުރެ ރޫހާނީ ކަންކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.


ރައީސް ނަޝީދުގެ 64 ވަނަ ރޭޑިއޯ ތަގުރީރުގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ "އުންމީދު ކުރަނީ މި ދިހަ ދުވަހަކީ އަޅުގަނޑުމެންގެ ރޫޙާނީ ކަންތައްތައް، ޖިސްމާނީ ކަންކަމަށްވުރެ އަޅުގަނޑުމެން އިސްކުރާނެ ދުވަސްތަކެއް" ކަމަށް ހައްދަވާނެ ކަމަށެވެ.


ފުރަތަމަ ފަހަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދީނާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ރޯދަ މަހުގެ އަޅުކަމުގެ ސަވާބު އެތައް ގުނައަކުން އިތުރުވާކަން އަޅުގަނޑުމެންނަށް، ކުޑައިރުއްސުރެ ފަށައިގެން ކިޔައިދީފައި" ވާކަމަށާއި އެއީ "އަޅުގަނޑުމެން އެންމެން ވެސް މިވާހަކަތައް ދަންނަ" ކަމެއް ކަމަށެވެ.


ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ކީރިތި ރަސޫލާ ވެސް ގިނަ ވަގުތުތަކުގައި އިއުތިކާފުގައި އިންނެވި ދުވަސްވަރެއް ކަމަށާއި " އެކަހެރިވެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަކީ އިސްލާމީ އުޞޫލުތަކުގައި ރިވެތި ގޮތް" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.


އެ މަނިކުފާނު އިސްލާމް ދީނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ އެ "ފިލާވަޅު ލިބިގެން، އަޅުގަނޑުމެންގެ ޙަޔާތް މިއަދަށް ވުރެ ތާހިރު ކުރުމަށް، ސާފުކުރުމަށް" އިލްތިމާސް ކުރައްވަމުންނެވެ.