ގއ. އޮތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމެންދޫގައި ހިންގަން ހަމަޖައްސާފައިވާ ތިން މަޝްރޫއެއް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

ރައީސް ވަހީދު މާމެންދޫއަށް ވަޑައިގެން މިއަދު ފުރަތަމަ ބިންގާ އަޅުއްވައި ދެއްވީ ސަރުކާރުގެ ހަރަދުގައި އަޅާ މިސްކިތެވެ. ދެވަނައަށް ބިންގާ އަޅުއްވައިދެއްވީ މާމެންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އެ ރަށަށް ހަދިޔާ ކޮށްދެއްވާ ވޭސްޓްމެނޭޖްމެންޓް ފެސިލިޓީސްގެ އިމާރާތެވެ. ދެން އެރަށު ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ގާއިމުކުރާ ފެން ޕްލާންޓްގެ އިމާރާތެވެ.

މި މަޝްރޫތައް ފައްޓަވައި ދެއްވުމަށްފަހު ރައީސް ވަހީދު ވިދާޅުވީ ކުނީގެ މައްސަލައަކީ ހުރިހާ ރަށަކަށް ވެސް ވަރަށް ބޮޑަށް މައްސަލައެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ.

"ގިނަ ޤައުމުތަކުގައި ކުންޏަކީ މިހާރު އުކާލާ އެއްޗެއް ނޫން، ރާއްޖޭގައި ވެސް ކުނި ނައްތާލުމުގެ އާ ނިޒާމެއް ޤާއިމް ކުރަންވެއްޖެ މިގޮތުން، އުކާލެވޭ ކުނި ބޭނުން ކޮށްގެން އުފެއްދިދާނެ މާއްދާތައް ސަލާމަތްކޮށް، އަލުން ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ވޭސްޓްމެނޭޖްމެންޓް ފެސިލިޓީސް ހަދިޔާ ކޮށްދެއްވި މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އޭނާ ހަދިޔާ ކުރައްވާ ވޭސްޓްމެނޭޖުމަންޓް ފެސިލިޓީއަކީ އެ އަތޮޅު ވިލިގިނޔަށް ހަދިޔާކުރި ފަދަ ރައްކާތެރި ކަމާއެކު ކުނި ނައްތާލެވޭނެ ފެސިލިޓީއެއް ކަމަށާއި މީގެ ސަބަބުން މާމެންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ފަނަރަ ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ މާމެންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.