05 Apr 2026, 18:59
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި، މޫސާ ރަމީޒް، 72އ، މިއަދު އަވަހާރަވެއްޖެއެވެ.
ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ ހިތާމައިގައި އޭނާގެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.
ށ. ކޮމަންޑުއަށް ނިސްބަތްވާ ރަމީޒަކީ، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ށ. އަތޮޅުގެ އެކި މަގާމުތަކުގައި އޭނާ ވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އޭނާ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ މެންބަރު ކަމާއި ށ. އަތޮޅާއި ފުވައްމުލައް ސިޓީގެ އަތޮޅުވެރިކަން ވެސް ކުރައްވާފައެވެ. އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭނާ ވަނީ ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ރަމީޒުގެ ކަށުނަމާދު އޮންނާނީ ފަތިސް ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.