11 Sep 2012, 16:32
މާލޭގެ އަމަން އަމާންކަން ނަގާލުމަށް ހިތްވަރު ދެެއްވައި ވާހަކަފުޅު ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވާތީ ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ނެރުނު ދުވަހު، އެ ރިޕޯޓާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މާލޭގެ އަމަން އަމާންކަން ނަގާލުމަށް ހިތްވަރުދެއްވައި އަސްލަމް ވާހަކަ ދައްކާފައިވާކަމަށެވެ. އަދި އެ ޖަލްސާއަށް ފަހު މަގުމައްޗަށް ނުކުމެވަޑައިގެން، ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް އޭނާ ހުރަސްއަޅާފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓު ނެރުނު ދުވަހު އެމްޑީޕީން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވަހީދުގެ ވެރިކަން ބަދަލުކުރުމަށް އިހުތިޖާޖު ކުރުމަށް މަގުމައްޗަށް ނުކުތުމަށް އަސްލަމް ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.