ސްޕެނިޝް ލަލީގާގައި މަޔޯކާ އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވި މެޗަށްފަހު، އެ ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ އެ ބަލިވުމުގެ ފުރިހަމަ ޒިންމާ އަމިއްލައަށް އުފުލައިފިއެވެ.

މި ނަތީޖާއާއެކު ލީގު ކާމިޔާބުކުރުމަށް ރެއާލުން ކުރަމުންދާ އުންމީދުތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އާބެލޯއާ ބުނީ ބަލިވުމުގެ ޒިންމާ އޭނާ ނެގީ ކުޅުންތެރިންގެ ބޯމަތީގައި އޮތް ޕްރެޝަރު ކުޑަކޮށް، ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ މުހިންމު މެޗަށް ޓީމުގެ ސަމާލުކަން އަނބުރާލުމުގެ ގޮތުން ކަމަށެވެ.

މެޗަށްފަހު ވާހަކަދައްކަމުން އާބެލޯއާ ފާހަގަކުރި ގޮތުގައި ލީގުގައި ބާކީ އޮތް އަށް މެޗުގައި ޓީމުގެ ކުޅުން ރަނގަޅުކުރަން ޖެހޭ ނަމަވެސް، މިވަގުތު އޭނާގެ އެންމެ ބޮޑު އިސްކަމެއް އޮތީ އަންގާރަ ދުވަހު ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.

މީގެ އިތުރުން އަނިޔާއަށްފަހު އެނބުރި އައި ޖޫޑް ބެލިންހަމްގެ ފޯމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ، އޭނާ އަދި އެންމެ މަތީ ފަންތީގައި ނެތުމަކީ އާދައިގެ ކަމެއް ކަމަށާއި، މި މެޗުގައި އޭނާ 20 މިނެޓަށް ކުޅެން އެރުވީ މަޑުމަޑުން ކުޅުމުގެ ރިދަމްގެ ތެރެއަށް ގެނައުމަށް ކަމަށެވެ.

ރެއާލް މެޑްރިޑުން މިހާރު ތައްޔާރުވަމުންދަނީ ފްރައިބާގް އަތުން މޮޅުވެ، ރަނގަޅު ފޯމެއްގައި އޮތް ބަޔާން މިއުނިކާ ދެކޮޅަށް ނުކުތުމަށެވެ.