11 Sep 2012, 16:27
ޖަލުގައި ތިބޭ ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހިންގި، "ދެވަނަ ފުރުސަތު" ޕްރޮގްރާމުގެ ދަށުން ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެކި ސަބަބުތަކާ ހުރެ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ސަން އޮންލައިންއާ ހިއްސާކުރި "ދެވަނަ ފުރުސަތު"ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ދެވަނަ ފުރުސަތު ޕްރޮގްރާމްގެ ދަށުން ހަ ބުރެއްގެ މަތިން 438 ކުށްވެރިއަކު ވަނީ ޖަލުން މިނިވަން ކޮށްފަ އެވެ.
އެ މީހުންގެ ތެރެއިން ދެވަނަ ފުރުސަތު އެއްބަސްވުމާއި ހިލާފުވެގެން މިހާތަނަށް 189 މީހަކު ވަނީ ޖަލު ބަލަހައްޓާ، ޑީޕީއާރުއެސްއާ ހަވާލުކޮށްފަ އެވެ. އަދި ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލާފައި ވަނިކޮށް ކުށް ސާބިތުވެ ޣައިރު ހާޒިރުގައި ކޯޓުން ހުކުމް ކުރި 13 މީހަކު ވެސް ވަނީ އަނބުރާ ޑީޕީއާރްއެސްއާ ހަވާލުކޮށްފަ އެވެ.
ޖަލަށް އަނބުރާ ގެންދިޔަ މީހުންގެ ތެރެއިންވެސް ހަތަރު މީހަކު ވަނީ ޖަލުން ފިލައިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ހޯދައި ޑީޕީއާރުއެސްއާ ހަވާލުކޮށްފައިވާއިރު އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި ދެވަނަ ފުރުސަތު މީހުންގެ ތެރެއިން ނޭޝަނަލް އެޖެންސީގެ ބެލުމުގެ ދަށަށް ވަނީ ހަތަރު މީހަކު ގެންގޮސްފަ އެވެ.
ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި މީހުންގެ ތެރެއިން މިހާރު ޖަލުން ބޭރުގައި ތިބީ 243 މީހެކެވެ. އޭގެތެރެއިން ތަފާތު ކުށްތަކަށް އަރައިގަންފައިވާ 26 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ކުރަމުން އަންނަކަން ތަފާސްހިސާބުގައި ބުނެފައިވެ އެވެ. އަދި ދެވަނަ ފުރުސަތު ކުއްވެރިންގެ ތެރެއިން އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ޑްރަގް ކޯޓުން ހުކުމް ކޮށްފައިވާ 56 މީހަކުވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ.
ފުލުހުންގެ ހިސާބުތައް ދައްކާގޮތުން ދެވަނަ ފުރުސަތުގެ އެގްރިމަންޓާއި އެއްގޮތައް ގަވާއިދުން މުޖުތަމައުގައި އުޅެމުން ދަނީ 217 މީހެކެވެ.
މީގެ ކުރިން ސަން އޮންލައިންއަށް ލިބިފައިވާ ސައްހަ ލިޔުންތަކަކުން އެނގޭ ގޮތުން ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި 218 މީހަކީ އެ ޕްރޮގްރާމަށް ޝަރުތުހަމަވާ މީހުންނެއް ނޫނެވެ. އެ ލިޔުންތަކުން އެނގޭގޮތުގައި ދޫކޮށްލިމީހުންގެ ތެރޭގައި ބޮޑެތި މަރާމާރީތައް ހިންގާފައިވާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރީކޮށްފައިވާ މީހުންނާއި ފޭރޭ މީހުންނާއި ބަދުއަހުލާގީ އަމަލުތައް ހިންގާފައިވާ މީހުންހިމެނެ އެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށްފަހު ދެވަނަ ފުރުސަތު ޕްރޮގްރާމް ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ.