މި ސަރުކާރުގެ ދެ އަހަރު ތެރޭ ދެ ޕޮލިސް ކޮމިޝަނަރުން އިސްތިއުފާ ދެއްވައި، ތިންވަނަ ޕޮލިސް ކޮމިޝަނަރަކަށް މިއަދު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު (ޓޫފޯ) އައްޔަންކުރައްވައިފިއެވެ.

ސީޕީގެ މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކުރީ، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ޓޫފޯއަކީ 1995 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން ފުލުހުންގެ އިސް އޮފިސަރުންނަށް ޚާއްސަ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާއިރު، އޭގެ ތެރޭގައި އައިޕީއެސް ޕްރޮބޭޝަނަރުންގެ އަސާސީ ތަމްރީނު ކޯސް ހިމެނެއެވެ.

ތަޢުލީމަށް ބަލާއިރު، ޓޫފޯއަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީޢާ އަދި ބެޗްލާ އޮފް ޝަރީޢާ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފުލުހުންގެ އައު ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދިން ހަތް އޮފިސަރުންގެ ތެރޭގައި އަހުމަދު މުހައްމަދު ހިމެނެއެވެ. އޭނާ މަގާމުން ވަކިކުރުމަށް ނުވައެއް އޮގަސްޓް 2021 ގައި އެ ބޯޑުން ނިންމެވީ، ރިޝްވަތުގެ މުއާމަލާތެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ޕޮލިސް ބޯޑުގެ އެ ނިންމުމާ އެއްގޮތަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޮކްޓޫބަރު 2021 ގައެވެ. އެހެންނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އަހުމަދު މުހައްމަދު ވަނީ އަލުން ވަޒީފާއަށް އިއާދަކޮށްފައެވެ.