11 Sep 2012, 15:58
ހެންވޭރު ގެއެއްގެ ތެރޭ ހިންގަމުން ދަނިކޮށް ރޭ ފަޅާއަރުވާލި މަސާޖުޕާލާއިން ހައްޔަރުކުރި ހަތަރު މީހުންނާއި ގޭގެ ވެރިފަރާތުގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހ. ފިލެޑެލްފިޔާގައި "ސޮންޑޯ ބޮން ބިއުޓީ ކެއާ އެންޑް ސެލޫންގެ" ނަމުގައި ހިންގަމުން ދިޔަ މަސާޖު ޕާލާއިން ހައްޔަރުކުރި އުމުރުން 30 އަހަރުގެ ދިވެހި މީހާގެ ބަންދުގެ މުއްދަތު 10 ދުވަސް އަދި މަސާޖުޕާލާތެރެއިން ހައްޔަރުކުރި ތައިލެންޑްގެ ތިން އަންހެނުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި ރޭ އެގޭތެރެއިން ހައްޔަރުކުރި ގޭގެ ވެރިމީހާގެ ބަންދުގެ މުއްދަތަށް ވެސް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރޭ ފުލުހުން ވަތް މަސާޖުޕާލާ ތެރެއިން ފަސް ދޮޅަސްހާހަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރޯދަ މަހަށްފަހު ފުލުހުން އަތުލައިގަތް ފުރަތަމަ މަސާޖުޕާލާ ތެރެއިން ވެސް ބަދުއަޚްލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.