ލޯކަލް ކައުންސިލު އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އާންމުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާދެއްވުން ކަމަށް، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އިއްޔެ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިޚާބުގައި މިހާތަނަށް އާންމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން މައި އިދިކޮޅު އެމްޑީޕީން ވަނީ ދިފާއުކޮށްފައެވެ. އަދި މައި ދެ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ވޯޓުދީފައެވެ.

ފައިޞަލް ރޭ ވިދާޅުވީ، ބޮޑު އިންތިޚާބެއް ނިމިގެން ދިޔައިރު ފެނުނީ ވެރިކަންކުރާ ޕީއެންސީން އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި މުޅި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މަންޒަރު ކަމަށެވެ.

"އެތައް ހާސް ބަޔަކަށް ވަޒީފާދިނުމާއި، އެތައް ސަތޭކަ މަޝްރޫއެއް އިންތިޚާބު ކާމިޔާބުކުުރުމުގެ ބޭނުމުގައި ފެއްޓުމާއި، އަދި މުޅި ސަރުކާރު އެއްކޮށް ނިކުމެ މަސައްކަތްކުރި ތަން،" ފައިޞަލް ވިދާޅުވިއެވެ.

އިދިކޮޅުގައި ތިބެ، އެމްޑީޕީން ހުރިހާ ދަތިތަކާއެކުވެސް މަސައްކަތްކޮށް ކާމިޔާބު ހޯދައިފައިވާކަމަށް، އެ މަނިކުފާނު ވިދާޅުވިއެވެ.

އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ނެގި ވޯޓެއްގެ ގޮތުގައި ފައިޞަލް ސިފަކުރެއްވިއެވެ. ފައިޞަލް ވިދާޅުވީ، ބޮޑު ތަފާތަކުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށެވެ.

"މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅުގޮތަކީ، އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އިތުބާރުނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުމަށްފަހު އަވަސް އިންތިޚާބަކަށް ދިއުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އިންތިޚާބުގެ ނަތީޖާއަށްފަހު، ރައީސް ވަނީ ބަލި ގަބޫލުފުޅުކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައިފައެވެ.

އެ މަނިކުފާނު ލިޔުއްވި ޕޯސްޓެއްގައިވަނީ، އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 20،855 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 70.6 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 29.4 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.

އޭގެ އިތުރުން، މިއަދު ބޭއްވި އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި، ފަސް ސިޓީކަމަށްވާ މާލެއާއި ފުވައްމުލަކާއި އައްޑުއާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އެމްޑީޕީގެ މޭޔަރުން ވަނީ، އެ މަގާމުތައް ދިފާއުކުރައްވައިފައެވެ. އަދި އެ ސިޓީތަކުން އިދިކޮޅު އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރީ މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ތަފާސްހިސާބުތަކެވެ. އެގޮތުން 294،876 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލީ 185،709 މީހުންނެވެ. އެއީ ވޯޓުލެވޭ މީހުންގެ އާބާދީގެ 63 ޕަސެންޓެވެ.

ވޯޓުލުމުގެ ފަހު ވަގުތު ހަވީރު ފަހެއް ޖަހަންދެން އިތުރުކުރިއިރު، ބެލެވޭ ގޮތުގައި މިއަދުގެ އިންތިޚާބުގައި 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް މީހުން ވޯޓުލާނެއެވެ.