މިއަދު ބޭއްވި އިންތިޚާބުތަކުގައި އިދިކޮޅު އެމްޑީޕީ، ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް މިހާތަނަށް ނަގައިފައިވެއެވެ.

މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށައި، ކިޔޫތައް ބަންދުކޮށްފައިވަނީ 17:00ގައެވެ. އޭގެ ފަހުން ވޯޓު ގުނުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ބައެއް ނަތީޖާތައް ލިބެމުންދެއެވެ.

އެ ނަތީޖާތަކާ ގުޅުވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ނެގި ވޯޓުގައި އެމްޑީޕީ ވަނީ ވަރަށް ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށް، ކާމިޔާބު ހޯދައިފައި ކަމަށެވެ. އެގޮތުން ހުރިހާ ސިޓީއަކާއި ގިނަ ރަށްރަށާއި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑު ތަފާތަކުން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 6،033 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 70 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. އަދި ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 30.9 ޕަސެންޓް މީހުންނެވެ.

މީގެ އިތުރުން، މޭޔަރުންގެ ރޭހުން މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިންތިޚާބުން ކުރީގައި އުޅުއްވަނީ، މިހާރު ވެސް މޭޔަރު ކަމުގައި ތިއްބެވި، އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެހެންނަމަވެސް ތިނަދޫ ސިޓީގެ މޭޔަރު ރޭހުގައި، މިހާރުގެ މޭޔަރު އަދި އެމްޑީޕީގެ ކެންޑިޑޭޓް ސައުދު އަލީއަށް ވުރެ ގިނައިން ވޯޓު ހޯއްދަވައިފައިވަނީ ޕީއެންސީ ކެންޑިޑޭޓް މުހައްމަދު އަޖީބު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.