ރާއްޖޭގެ ފަސް ސިޓީގައި މިހާރު ތިއްބެވި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުން އިތުރު ދައުރަކަށް އިންތިޚާބުވެފައިވާ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކުގެ އިންތިޚާބު މިއަދު 8:00ގައި ވަނީ ފަށައިފައެވެ. އެ އިންތިޚާބުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއިރު، ކިޔުތައް ދިގުވުމުން ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކުރިއެވެ. އެގޮތުން ކިޔޫތައް ބަންދުކުރީ 17:00ގައި ކަމަށްވާއިރު، ވޯޓު ގުނުން މިހާރު ވެސް ކުރިއަށްގެންދެއެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި ތިނަދޫ ސިޓީން 14 ކެންޑިޑޭޓުން މޭޔަރު ކަމަށް ވާދަކުރެއްވިއެވެ.

"ސަން"އަށް މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުން މާލެއާއި އައްޑުއާއި ފުވައްމުލަކާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އިންތިޚާބުން ވެސް ކުރީގައި އުޅުއްވަނީ މިހާރު ވެސް މޭޔަރު ކަމުގައި ތިއްބެވި، އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެގޮތުން:

މާލޭ ސިޓީ

  • އަމިއްލަ ކެންޑިޑޭޓް އަހުމަދު އައިހަމް މުހައްމަދު: 3.5 ޕަސެންޓް
  • އަމިއްލަ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު: 22.8 ޕަސެންޓް
  • އެމްޑީޕީ ކެންޑިޑޭޓް އާދަމް އާޒިމް: 44.2 ޕަސެންޓް
  • ޕީއެންސީ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް: 28.4 ޕަސެންޓް
  • އެމްޑީއޭ ކެންޑިޑޭޓް އަބްދުﷲ މަހްޒޫމް މާޖިދު: 1.2 ޕަސެންޓް

އައްޑޫ ސިޓީ ކައުންސިލް

  • އަމިއްލަ ކެންޑިޑޭޓް މުހައްމަދު އަހްސަމް: 3.1 ޕަސެންޓް
  • ޕީއެންސީ ކެންޑިޑޭޓް މުޝްރިފް އަލީ: 34.5 ޕަސެންޓް
  • އެމްޑީޕީ ކެންޑިޑޭޓް އަލީ ނިޒާރު: 62.4 ޕަސެންޓް

ފުވައްމުލަކު ސިޓީ ކައުންސިލް

  • އެމްޑީޕީ ކެންޑިޑޭޓް އިސްމާއީލް ރަފީގް: 57.6 ޕަސެންޓް
  • ޕީއެންސީ ކެންޑިޑޭޓް އަލީ މަސީހް: 42.4 ޕަސެންޓް

ކުޅުދުއްފުށީ ސިޓީ ކައުންސިލް

  • ޕީއެންސީ ކެންޑިޑޭޓް އިބްރާހީމް ހަސަން: 32.1 ޕަސެންޓް
  • އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު އާތިފް: 67.9 ޕަސެންޓް

ތިނަދޫ ސިޓީ ކައުންސިލް

  • ޕީއެންސީ ކެންޑިޑޭޓް މުހައްމަދު އަޖީބު: 49.8 ޕަސެންޓް
  • އެމްޑީޕީ ކެންޑިޑޭޓް ސައުދު އަލީ: 50.2 ޕަސެންޓް

މިއަދު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިތުރުން، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.

އެ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 294،876އަށް އަރައެވެ.