އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ 13 މީހެއްގެ ޝަރީއަތް ދެވަނަ ފަހަރަށް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް މިއަދު ދެވަނަ ފަހަރަށް ވެސް ކެންސަލް ކުރަން ޖެހޭނީ ދައުލަތުން ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރު ނުކުރެވުމުން ކަމަށެވެ.

މަނިކު ވިދާޅުވީ ދައުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ހެކިން ކޯޓަށް ހާޒިރުކުރެވެން ނެތުމުން މިއަދުގެ ޝަރީއަތް ކެންސަލް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް މިއަދު ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

"ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގެ ޝަރީއަތް މިހާރު ދެފަހަރެއްގެ މަތިން ވަނީ ކެންސަލް ވެފަ. މިއިން ކޮންމެ ފަހަރަކު ވެސް ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ހެކީންގެ ގޮތުގައި ހާޒިރުކުރަން ޖެހޭ ފަރާތްތަށް ކޯޓަށް ހާޒިރު ނުކުރެވޭތީ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އަނެއްކާވެސް އަންގާފައި ވަނީ ހެކީން ހާޒިރުކޮށްދެވެން ނެތުމާ ގުޅިގެން 11 ސެޕްޓެމްބަރު ގައި [މިއަދު] ބާއްވާ ޝަރީއަތް ކެންސަލް ކޮށްދިނުމަށް،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ލަސްކުރުމަކަށް ކޯޓުން މަސައްކަތް ނުކުރާނެ ކަމަށާއި މައްސަލަތައް ލަސްވަނީ ހެކީންނާއި ދައުވާ އާ ގުޅޭގޮތުން ކޯޓަށް ހާޒިރު ކުރަންޖެހޭ އެހެނިހެން ފަރާތްތަށް ވެސް ކޯޓަށް ހާޒިރު ނުކުރެވޭތީ ކަމަށެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ހެކީންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ކޯޓަށް ހާޒިރުކުރަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ އެކިއެކި ތަންތާގައި ހުޅުޖެހި މައްސަލައިގައި ދައުވާ ލިބޭ މީހުންނާއި ހެކީންގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ކޯޓަށް ހާޒިރުކުރަން ޖެހޭތީ އެ މީހުން ކޯޓަށް ހާޒިރުކުރުމުގައި އަމަލުކުރާނެ ވަކިގޮތެއް ކަނޑައެޅުމަށްޓަކައި ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓާއި ދެމެދު މަޝްވަރާތައް ކުރެވެމުން ދާކަމަށެވެ.

ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި 13 މީހުންގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވަނީ އެ ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުން ދިންކަމުގެ ތުހުމަތުގައެވެ.

ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ދައުވާ ލިބޭ މީހުންނަކީ ހުޅުދޫ، ކަޅުމަގިގޭ، މޫސާ ޒުބައިރާއި، ކުރިކީލަގޭ، އަލީ ރުޝްދީ އާއި އާބާދުވިލާ، އަބްދުއް ސަލާމާއި ކޮކާހަނދުވަރު، އިލްޔާސް ފުއާދާއި ކުދިމާގޭ، އަބްދުﷲ ވާސިގާއި ވެލްބޭ ކްރެސެންޓް، އަލިމަނިކުފާނާއި، ސަން ފްލާވާ، އަހުމަދު އިފްޒާލް އާއި، ކުދީނާގޭ، އަހުމަދު ރިޔާހާއި، ނާދީ، މުޒުލިފް ޖައުފަރާއި، ސައިފަތްމާގޭ، ޝަރުހޫޒު އާއި، މަދަރުސާ ދޮށުގޭ، ވިޝާހު އަލީ އާއި، އައްސޭރިވިލާ އަހުމަދު ހާރޫނު ހުސެއިން އަދި ސީވޭވް، އިބްރާހިމް ސަމާހު އެވެ. އެ އެންމެން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ.