މިއަދު މުޅި ރާއްޖޭގައި އޮތް ބޮޑު އިންތިޚާބާ ގުޅިގެން މާދަމާ އާއި ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމީ ދައުލަތުގެ ވަޒީފާތަކުގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން މިއަދުގެ އިންތިޚާބުގެ ކަންކަމުގައި އުޅުމުގެ ސަބަބުން, ކުރިއަށް އޮތް ދެ ދުވަސް ސަރުކާރު ބަންދު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.

ހޯމަ ދުވަހު ވެސް އިންތިޚާބާ ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭކަން އިލެކްޝަންސްއިން އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔައީ, ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް އިންތިޚާބެވެ.

މި އިންތިޚާބުގައި ވޯޓްލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވާއިރު ހޫނު ގަދަވުމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިވެސްވިއެވެ.