އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އާދިއްތަ ދުވަހު ފުރަން އޮތް މެގާ މޯލްޑިވްސްގެ މަތިންދާ ބޯޓެއްގެ ހައިޑްރޯލިކް ފްލުއިޑް ހޮޅިއަކުން ލީކްވެ ރަންވޭ އަށް ހައިޑްރޯލިކް ފްލުއިޑް (ހައިޑްރޯލިކް ތެޔޮ) އެޅުމުގެ ސަބަބުން ބައެއް ފުލައިޓްގެ އޮޕަރޭޝަނަށް ބުރޫ އަރައިފި އެވެ.

އެއާޕޯޓް ހިންގާ ޖީއެމްއާރު ކޮންސޯޓިއަމްގެ ޗީފް އޮޕަރޭޓިން އޮފިސަރު އެންޑްރޫ ހެރިސަން މިއަދު ވިދާޅުވީ މެގަމޯލްޑިވްސްގެ ފްލައިޓް ރަންވޭއަށް ނެރުނު ތަނާ އެފްލައިޓްގެ ހައިޑްރޯލިކް ފްލުއިޑް ހޮޅިއަކުން ރަންވޭއަށް ހައިޑްރޯލިކް ފްލުއިޑް( ހައިޑްރޯލިކް ތެޔޮ) އެޅުނު ކަމަށެވެ.

"އެފްލައިޓުން ރަންވޭއަށް ފްލުއިޑް އެޅުނު. ދެން އަޅުގަނޑުމެންގެ ސްޓާފުން އެތަން ސާފުކުރުމަށް ވަގުތުކޮޅެއް ހޭދަވި. އެހެންވެ އެވަގުތު ޖައްސަން އޮތް ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ލަސްކޮށްލަން ޖެހުނު،" އެންޑްރޫ ވިދާޅުވި އެވެ.

ސަން އޮންލައިނަށް އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާއާ ގުޅިގެން ސިންގަޕޫރު އެއާލައިންގެ ފްލައިޓް ރަންވޭ އަށް ނުޖެއްސި ވިއްސަކަށް މިނިޓް މަތީގައި މަޑު ކުރަން ޖެހުނެވެ. އަދި އެ ބޯޓް ފުރުން ގާތްގަނޑަކަށް ގަޑިއެއްހާ އިރަށް ލަސްކުރަން ޖެހުނެވެ. އަދި އެ މައްސަލަ ދިމާވި މެގަމޯލްޑިވްސްގެ ބޯޓް ވެސް، މަރާމާތުކޮށް، މައްސަލަ ހައްލުކޮށްގެން ވަނީ ފުރައިގެން ގޮސްފަ އެވެ.

ފްލައިޓަށް ދިމާވި މައްސަލައާ ގުޅޭ ގޮތުން މެގަމޯލްޑިވްސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.