ރޭ މާލޭގައި ނިމުނު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ، ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނަށް އަނބުރާ ދިނުމަށް ސާފް އިން ނިންމައިފިއެވެ.

މުބާރާތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ ކުޅުންތެރިންވެސް ވަނީ ތިން ލަނޑު ޖަހައިގެން "ޖޮއިންޓް ޓޮޕް ސްކޯރަރ" ގެ މަގާމު ހޯދާފައެވެ.

ނަމަވެސް، ދަނޑުމަތީގައި އިލާންއަށް އެވޯޑު ދިނުމަށްފަހު، ކުއްލި ގޮތަކަށް އޭނާގެ އަތުން ތަށި އަތުލައި އިންޑިއާ ކުޅުންތެރިޔާއަށް އެކަނި އެ އެވޯޑު ދިނުމުން ސަޕޯޓަރުންނާއި ފުޓުބޯޅަ އާއިލާގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އިލާން ތިން ގޯލު ޖެހީ ތިން މެޗުން ކަމަށް ވާއިރު، ދޯދުމް ހަތަރު މެޗުން ތިން ގޯލު ޖެހުމުން، ގިނަ މުބާރާތްތަކުގެ ގަވާއިދު ބުނާގޮތުން ވެސް ކުރި ލިބެނީ އިލާން އަށެވެ. ނަމަވެސް، ސާފް އިން ދެ ކުޅުންތެރިންނަށް ވެސް އެވޯޑު ދޭން ނިންމާފައި އޮތް ނަމަވެސް، މައްސަލަ އުފެދުނީ ތައްޔާރުކޮށްފައި އޮތީ އެންމެ ޓްރޮފީއަކަށް ވުމުންނެވެ.

މި މައްސަލައިގައި އެފްއޭއެމް އިން ވަކާލާތުކުރުމާ ގުޅިގެން، ސާފް އިން މިހާރު ވަނީ ދެ ދުވަސްތެރޭ ވީ އެންމެ އަވަހަކަށް އިލާން އަށް ޓްރޮފީ ހަވާލުކުރަން ނިންމާފައެވެ.

މި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ދިފާއުކުރީ ބަންގްލަދޭޝްއެވެ. ފޯރިގަދަ ކުޅުމަކަށް ފަހު 0-0 އިން އެއްވަރުވުމުން، ބަންގްލަދޭޝް މޮޅުވީ ޕެނަލްޓީގައި 4-3 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިންޑިއާގެ ދޯދުމް ހޯދިއިރު، އެންމެ މޮޅު ކީޕަރަކީ ބަންގްލަދޭޝްގެ އިސްމާއިލް ހުސެއިންނެވެ. ރާއްޖޭގެ ޓީމަށް މި މުބާރާތުން ލިބުނީ ފެއާޕްލޭ ޓީމުގެ އެވޯޑެވެ.