އެމްޑީޕީން ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތަކަށް ފުލުހުން ތަކުރާރުކޮށް ހުރަސް އަޅަމުންދާ ކަމަށް ބުނެ، ސިޔާސީ ހަރަކާތްތައް ހިންގޭނެ ވެއްޓެއް ގާއިމުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެެ ޕާޓީން ދަންނަވައިފި އެވެ.

އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއެއްގައި ބުނެފައި ވަނީ އެމްޑީޕީ އާއި އެ ޕާޓީ އަށް ތާޢީދުކުރާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކާ މެދު ފުލުހުންގެ ޢަމަލުތައް ބަހައްޓަނީ އަނިޔާވެރިކަމާއި ހަރުކަށިކޮށް ކަމަށާއި އެމްޑީޕީ އަށް ސަލާމަތްތެރި ކަމާ އެކު ސިޔާސީ ޙަރަކާތްތައް ހިންގޭނޭ ވެއްޓެއް ޤާއިމްކޮށް ދިނުމަށް އިލެކްޝަންސްގައި އެދޭ ކަމަށެވެ.

އަދި އެމްޑީޕީ އަކީ އަބަދުވެސް ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ޕާޓީއެއް ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރާ ޕާޓީއެއް ކަމަށެވެ.

ނަމަވެސް ފުލުހުންނަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް އެމްޑީޕީއަށް ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަމަށް އެމްޑީޕީ އިން ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތުން، މާލޭ ސިޓީ ކައުންސިލުގެ ހުއްދައާ އެކު ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން ދަނިކޮށް، މާޗް ހަތް ވަނަ ދުވަހުގެ ރޭ އެތަނަށް ފުލުހުންވަދެ، އެތަނުގައި ތިބި އެމްޑީޕީ އަށް ތާއީދުކުރާ މީހުންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރެ އެވެ.

އެމްޑީޕީގެ ސިޓީގައި އަދި ބުނީ އެ ޕާޓީގެ ހަރަކާތްތަކުގައި ބޭނުންކުރާ ދިދައާއި އަޑުގަދަކުރާ ފަދަ ތަކެތި އަތުލުމަށް ފަހު އަނބުރާ ނުދޭ ކަމަށެވެ. އަދި، ޕާޓީގެ ފަރާތުން ބާއްވާ އެކިއެކި މުޒާހަރާތަކަށް ހުރަސް އަޅައި ފުލުހުންގެ އިންޓެލިޖެންސް މީހުން ޕާޓީގެ މުޒާހިރާތަކަށާއި އުސްފަސްގަނޑު ސަރަހައްދަށް ފޮނުވައި ހަމަނުޖެހުންތައް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރާއްޖޭގެ ޤާނޫން އަސާސީން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ސިޔާސީ ހަރަކާތް ތަކުގައި ބައިވެރިވުމާއި ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ވެސް ނިގުޅައި ގަންނަމުންދާ ކަމަށާއި އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ގިނަ އަދަދަކަށް ޙައްޔަރުކުރުމާއި އެމީހުންނަށް އަނިޔާކުރުމާއި ބިރުދެއްކުން ތަކުރާރު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިލެކްޝަނުން އަދި އެކަމާ ގުޅިގެން ފުލުހުންނަށް އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.