މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއް ތެރޭގައި ފަސް ފިރިހެނަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައި އޮއްވައި، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް މިއަދުގެ ހެނދުނު 06:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ޚަބަރު ހުސްވެފައި ވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށާއި، އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.