ތިލަފުށީގެ ބިން ހިއްކުމަށް، ހަވާލުކޮށްފައިވާ ހެވީލޯޑުން ޕްރޮޖެކްޓް ގެރެންޓީއެއްގެ ގޮތުގައި ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އަށް ދޫކުރި 16.1 މިލިއަން ރުފިޔާގެ ޗެކް ބައުންސުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ފުލުންނަށް ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

ޓީސީއެލްގެ މެންބަރަކު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހެވީލޯޑުން ގެރެންޓީގެ ގޮތުގައި ދިން ޗެކް ބައުންސްވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ޓީސީއެލްގެ ކުރީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް އަދި މިހާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހަންމަދު ލަތީފް ޑިރެކްޓަރުންގެ ބޯޑު މެންބަރުންނަށް ވިދާޅުވެފައިވާ ކަމަށެވެ.

"އެ މައްސަލަ ފުލުންނަށް ހުށަހަޅާފައިވާކަން އަޅުގަނޑުމެން ބޯޑު މެންބަރުނަށް އެމްޑީ ވަނީ ޔަގީންކަން ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.


ތިލަފުށީގެ ބިން ހިއްކުމަށް، ހަވާލުކޮށްފައިވާ ހެވީ ލޯޑުން ޕްރޮޖެކްޓް ގެރެންޓީއެއްގެ ގޮތުގައި ޓީސީއެލް އަށް ދޫކޮށްފައިވާ 16.1 މިލިއަން ރުފިޔާގެ ޗެކް ބައުންސްވެފައިވާތާ މަސް ދުވަސް ފާއިތުވި އިރު ވެސް އެ ގެރެންޓީ ޗެކް އިއާދަކޮށްދީފައިނުވާ ކަމަށް ޓީސީއެލް އިން ވަނީ ބުނެފައިވެ އެވެ.

ޓީސީއެލްގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް މުހަންމަދު ލަތީފް ވިދާޅުވެފައި ވަނީ އެ މަޝްރޫއު އަށް އަދި ވަކި ގޮތެއް ނުނިމޭތީ 16.1 މިލިއަން ރުފިޔާގެ ގެރެންޓީއެއް ބެހެއްޓުން ހެވީލޯޑުގެ މައްޗަށް ލާޒިމް ކުރާ ކަމަށާއި އެ ގެރެންޓީ އިއާދަކުރުމަށް ހެވީލޯޑުގައި އެދިފައިވާނެ ކަމަށެވެ.