ވ. ފުލިދޫގައި މިއަދު މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރި، އެ ދެ ކުދިންގެ ބައްޕަގެ ހާލު ދެރަވެ، މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އޮޔާދިޔަ ދެ ކުދިން ސަލާމަތް ކުރި މީހެއްގެ ހާލު ދެރަވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށާއި އެއީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން "ސަން"އަށް ބުނީ އެ ހާދިސާގައި މަރުވެފައިވަނީ ދެ ކުދިންގެ ބައްޕަ ކަމަށެވެ. އަދި ސަލާމަތްކުރި ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މުއައްސަސާއިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.