11 Sep 2012, 13:14
މާލޭ ސިޓީ ކައުންސިލްގެ އަތުން ދަރުބާރުގެ ހޯދުމަށް ދައުލަތުން ދައުވާކޮށްފި އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު މޫސާ ނަސީރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިހުތިސޯސް ހިނގާ ސަރަހައްދުތަކުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގެ ދަށުން ދަރުބާރުގެ އާއި ދަރުބާރުގެ ހިމެނޭ 344 ނަންބަރު ކޮށި ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި ފުރިހަމަ ކުރަން ޖެހޭ ގަނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އެތަން ހައުސިން މިނިސްޓްރީ އާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އެންގުމުން ވެސް އެ އެންގުމަށް އެ ކައުންސިލުން އިޖާބަ ދީފައި ނުވާ ކަމަށެވެ.
މޫސަ ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ގުޅިގެން ދަރުބާރުގެ ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ތަކުރާރުކޮށް މާލޭ ސިޓީ ކައުންސިލަށް އެންގުމުން އެތަން ހަވާލުކުރުމަށް އެ ކައުންސިލުން އިންކާރުކޮށްފައިވާތީ ސަރުކާރުން އަންގާފައިވާ އެންގުމާ އެއްގޮތަށް ދަރުބާރުގެ ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭކަމަށެވެ.
އޭނާ ވިދާޅުވީ ގަވާއިދު ބުނާ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިގްތިސާދީ، އިޖްތިމާއީ އަދި ގައުމީ ސަލާމަތާއި ގުޅޭ ކަމަކަށް ދައުލަތުގެ ބިން ނުވަތަ ބިން ހިމެނޭ ސަރަހައްދު ބޭނުންވާ ކަމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި ނަމަ އެތަނެއް ސަރުކާރަށް ނެގޭނެ ކަމަށެވެ.
ދަރުބާރުގެ ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ ދައުލަތުގެ ކޮން ސިޔާސަތެއް ބަދަލުވެގެންތޯ ވިދާޅުވެ ސިޓީ ކައުންސިލްގެ ވަކީލު މުހައްމަދު ފަރީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
އޭގެ ޖަވާބުގައި ދައުލަތުގެ ވަކީލު މޫސާ ނަސީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ހިންގަން ބޭނުންވާ ނަމަ ވަޒީރުންގެ މަޖިލީހުން ނިންމުމުން ދަރުބާރުގެ ސަރުކާރަށް ނެގޭނެ ކަމަށެވެ. އަދި ވިދާޅުވީ ދަރުބާރުގެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ވެވުނު އެއްބަސްވުމުގައި ވެސް ދަރުބާރުގެއާއި ދަރުބާރުގެ ހިމެނޭ 344 ނަންބަރު ކޮއްޓަކީ ދައުލަތުގެ ބިމެއް ކަމަށް ބުނެފައިވާނެ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ އަށް ޖަވާބުދާރީވުމަށް ސިޓީ ކައުންސިލަށް ފުރުސަތު ދިނުމަށް ފަހު އެވެ.